ހަތިޔާރެއްގެ ގޮތުގައި ކޮރޯނާވައިރަސް ބޭނުންކުރުމަށް ޗައިނާ އަސްކަރިއްޔާގެ ސައިންޓިސްޓުން ތަހުގީގު ކުރި ކަމަށް ބުނާ ލިޔުންތަކެއް ލީކުވެއްޖެއެވެ.
އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު އެއް ނޫސް، "ދަ އޮސްޓްރޭލިއަން" އިން އެންމެ ފުރަތަމަ ރިޕޯޓު ކުރި އަދި ފަހުން ބައެއް އެހެން މަޝްހޫރު ނޫސްތަކުންވެސް ރިޕޯޓުކޮށްފައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުން ޗައިނީސް ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ ކޮމާންޑަރުން 2015 ވަނަ އަހަރު ނިންމި އެ ނިންމުމާ ގުޅޭ ލިޔުންތަކަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޯދާފައިވާ ލިޔުންތަކެކެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން, ޗައިނާގެ މިލިޓަރީ ސައިންޓިސްޓުންނާއި ޗައިނާގެ ޕަބްލިކް ހެލްތު އޮފިޝަލުން ލިޔެފައިވާ އެ ލިޔުންތައް އެމެރިކާގެ އޮފިޝަލުން ހޯދީ ކޮވިޑް-19ގެ އަސްލު ހޯދުމަށް އެގައުމުން ކުރިއަށްގެންދާ އަމިއްލަ ތަހުގީގުގެ ތެރެއިންނެވެ.
ލީކުވެފައިވާ ލިޔުންތަކުގައި ޗައިނާގެ ސައިންޓިސްޓުން ސާސް ކޮރޯނާވައިރަސް ސިފަކޮށްފައި ވަނީ ޖެނެޓިކް ހަތިޔާރުގެ މުޅިން އާ ޖީލެއްގެ ގޮތުގައެވެ. އަދި އެ ވައިރަހުން އުފައްދާ ހަތިޔާރުން ދުޝްމަނުންގެ ސިއްހީ ނިޒާމު ފުނޑުފުނޑު ކޮށްލެވިދާނެ ކަމަށް ބުނެފައިވެއެވެ.
ޗައިނާގެ އަސްކަރިއްޔާގެ ސައިޓިސްޓުންގެ އިތުރުން ހަތިޔާރު މާހިރުން ހިމެނޭހެން 18 މީހަކު ލިޔެފައިވާ އެ ޕޭޕަރުގައި 2003 ވަނަ އަހަރު ޗައިނާއަށް ކުރިމަތިވި ސާސް ރޯގާއަކީވެސް ''ޓެރަރިސްޓުން'' އަމިއްލައަށް ތައްޔާރުކުރި ބަޔޯވެޕަންއަކަށް ވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުންތަކުގެ އަސްލާ މެދު ސުވާލު ކުރުމުން ސައިބާ ސެކިއުރިޓީ ސްޕެޝަލިސްޓެއް ކަމަށްވާ ރޮބާޓް ޕޮޓާ ވިދާޅުވީ, އެ ލިޔުންތަކަކީ ފޭކެއް ނޫން ކަމަށެވެ. އަދި އެއީ އަސްލެއްކަން ވަރަށް އިތުބާރާއެކު ބުނެވެން އެބައޮތް ކަމަށް ވިދާޅުވިއެވެ.
ލީކުވެފައިވާ ލިޔުންތަކާ ގުޅިގެން އޮސްޓްރޭލިއާގެ މަޖިލިސް މެމްބަރު ޖޭމްސް ޕީޓާސަން ވިދާޅުވީ, ކޮވިޑް-19ގެ އަސްލާ މެދު ޗައިނާއިން ދޭ މައުލޫމާތާ މެދު ކަންބޮޑުވާ ކަމަށެވެ.
އެ ކަންބޮޑުވުން ހިއްސާކޮށް އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސް އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ޕީޓާ ޖެނިންސްގެ ވެސް ވިދާޅުވީ, ލިޔުންތަކުގައިވާ މައުލޫމާތުން ކޮވިޑް-19ގެ އަސްލު ހޯދުމަށް ބޭރުގެ އިންވެސްޓިގޭޓަރުން ކުރަމުން އައި މަސައްކަތަށް ޗައިނާއިން އެއްބާރުލުން ނުދިން ސަބަބު ސާފުކޮށްދޭ ކަމަށެވެ.
ކޮވިޑް-19ގެ އަސްލު ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ގޮސް ތަހުގީގު ހިންގާފައިވާ އިރު, އެ ތަހުގީގުން އެކަމުގެ އަސްލު ހޯދިފައެއް ނުވެއެވެ. ނަމަވެސް ލެބޯޓަރީއަކުން ލީކުވި ވައިރަހެއްތޯ ބެލުމަށް އިތުރު ތަހުގީގެއް ހިންގަން ވަނީ ނިންމައިފައެވެ.
ދުނިޔޭގެ ގިނަ ސައިންޓިސްޓުން ބުނާ ގޮތުގައި, ކޮވިޑް-19 އަކީ އިންސާނުން ތައްޔާރުކުރި އެއްޗެއް ކަމުގެ އެއްވެސް ހެއްކެތް ނެތެވެ. ނަމަވެސް އެބަލި ފުރަތަމަ ފެނުނު ވުހާންގެ ސިއްރު ބަޔޯލެބަކުން އެ ވައިރަސް ލީކުކޮށްލާފައިވާ ކަމަށް ގިނަ ސުވާލުތަކެއް އަދިވެސް ކުރިމަތިކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ