އަރަހުށި މާތް ﷲ މި ބިންމަތީގައި ސާބިތުކުރައްވައި ލަހައްޓަވަނީ މީސްތަކުންނަށް މަންފާހުރި ތަކެއްޗެވެ. ބޭނުމެއް ނެތް ދަގުޔާއި ފޮނު ބޭކާރު ގޮތުގައި އުކާލެވި ގެއްލިގެން ދަނީއެވެ. (އައްރަޢުދު: 17)
މި ދުނިޔޭގައި ކޮންމެ އެއްޗެއްވެސް ހައްދަވައިފައި ވަނީ މި އުސޫލުގެ މަތީންނެވެ. މިދުނިޔޭގައި ކޮންމެ އެއްޗަކަށް ވެސް ސާބިތުކަން ލިބެނީ އެހެން ފަރާތްތަކަށް މަންފާ ހުރި އެއްޗަކަށް ވުމުންނެވެ. އެއްވެސް އެއްޗެއްގައި މަންފާ ކޮށްދިނުން ނެތިއްޖެ ހިނދެއްގައި އެއެއްޗަކަށް ލިބިގެންވާ ދިރިހުރުމުގެ ޙައްޤު ދެމިއެއްނޯންނާނެއެވެ. އެފަދަ ތަކެއްޗަކީ ބޭނުމެއް ނެތް ތަކެތީގެ ގޮތުގައި ފިޠުރަތުގެ ނިޒާމުން ބޭރުކޮށްލެވި އުކައިލެވޭނެ ތަކެއްޗެވެ.
އަރަހުށި މާތް ﷲ އިންސާނާއަށް ޓަކައިވެސް ރުހިވޮޑިގެންވަނީ މިދެންނެވި ފިޠުރަތުގެ ނިޒާމެވެ. އަރަހުށި މާތް ﷲ ރުހިވޮޑިގެންވާ އިންސާނުންނަކީ މިދުނިޔޭގައި މަންފާހުރި ވުޖޫދެއް ކަމުގައިވާ މީހުންނެވެ. އެމީހެއްގެ ފުށުން އަނެކުންނަށް މަންފާއާއި ލާބަ ލިބޭ މީހުންނެވެ. ތިމާ މިދުނިޔޭގައި ދިރިއުޅުމަށްޓަކައި ބޭނުންވާ ކަންތައްތައް އަނެކުންނަށްވެސް ހޯދައިދޭ މީހުންނެވެ. ލިބިދޭ މީހުންނެވެ. އިންސާނުންނެވެ ބުނެލުމުގެ ޙައްޤު ލިބިގެންވަނީ މިފަދަ މީހުންނަށެވެ. އަރަހުށި މާތް ﷲ މިދުނިޔޭގައި ކާމިޔާބީ އާއި ތަރައްޤީ މިންވަރު ކުރައްވަނީ މިފަދަ މީހުންނަށެވެ.
އިތުރު ސާހިބާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރައްވައިފައި ވެއެވެ. "ތިމާގެ އަޚާއަށް މަންފާއެއް ކޮށްދެވޭފަދަ މީހާ ފަހެ އެކަން ކުރާހުށިކަމެވެ."
އަނެކުންނަށް މަންފާ ހުރި މީހަކަށް ވުމަށް ޓަކައި މާގިނަ ވަސީލަތްތަކެއް ލިބިފައި ހުރުމެއް ލާޒިމެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ މިންވަރުން އަނެކުންނަށް މަންފާހުރި މީހަކަށް ވެވިދާނެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ މީހެއްގެ ޙައްޤުގައި ހެޔޮ ބަހެއް ބުނެލުމަކީ ވެސް އެމީހަކަށް މަންފާއެއް ކޮށްދިނުމެވެ. މީހަކަށް ރަނގަޅު ލަފައެއް ދިނުމަކީވެސް އެމީހަކަށް މަންފާއެއް ކޮށްދިނުމެވެ. މީހެއްގެ ބުރައެއް ލުއިކޮށްދިނުމާއި، މީހަކު ކުރާ ކަމެއްގައި އެމީހަކަށް މަދަދެއް ކޮށްދިނުމާއި، މަގު ނޭނގިގެން އުޅޭ މީހަކަށް މަގު ބުނެލަދިނުމާއި، ތިމާގެ ތަނަވަސްކަން ހުރި މިންވަރަކުން މީހަކަށް މާލީ މަންފާއެއް ކޮށްދިނުމާއި، މަގުމަތީގައި އޮތް ހުރަހެއް އެއްފަރާތް ކޮށްލުމާއި މިފަދަ އެތައް ކަމެއް މީހުނަށް މަންފާ ހުރި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެކަނި މި ބާވަތުގެ ކަންކަމެއް ނޫނެވެ. އަނެކަކަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުވައިދެވޭފަދަ އެކަށޭނަކަމެއް ލިބިގެންނުވާ މީހާ ތިމާގެ އަޚާއަށްޓަކައި ހެޔޮ ދުޢާއެއް ކޮށްލުމަކީވެސް އޭނާއަށް މަންފާއެއް ކޮށްދިނުމެވެ.
ދީން
ދީން
ދީން
ދީން