އޭއެފްސީ ކަޕުގެ ކޮލިފިކޭޝަން ފަހު މެޗުގައި ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ރާއްޖެ އައި ބެންގަލޫރު އެފްސީ ޓީމުން ކޮވިޑް-19ގެ އުސޫލުތަކާ ހިލާފުވެފައިވާތީ އެކަމަށްޓަކައި އޭއެފްސީގެ ކިބައިން މައާފަށް އެދޭ ކަމަށާއި އަދި އެކަން ކުރި ކުޅުންތެރިންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް އެ ކްލަބުގެ ވެރިޔާ ޕާތު ޖިންދާލް ވިދާޅުވެއްޖެއެވެ.

ގޯލް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ އުސޫލާ ކްލަބުން ހިލާފުވީ ތިން ކުޅުންތެރިންނެވެ.

ޖިންދާލް ކުރި ޓުވީޓެއްގައި ވިދާޅުވީ، ކްލަބުގެ ބޭރު ކުޅުންތެރިއެއްގެ އިތުރުން ބައެއް އޮފިޝަލުންނާއެކު ޖުމުލަ ތިން މީހަކު ކޮވިޑުގެ އުސޫލާ ހިލާފުވެފައިވާ ކަމަށާއި އެފަދަ ދަށު ދަރަޖައިގެ ކަމެއް ބެންގަލޫރު އެފްސީގެ ފަރާތުން ފެނުމުން މައާފަށް އެދޭ ކަމަށެވެ. އަދި ބެންގަލޫރާ އެފްސީއާ ހެދި އޭއެފްސީގެ އަގު ވެއްޓިގެން ދާން ނޭދޭ ކަމަށާއި އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ތަކުރާރު ވިޔަ ނުދޭނެ ކަމަށްވެސް ބެންގަލޫރު އެފްސީގެ ޒުވާން ވެރިޔާ ޖިންދާލް ވިދާޅުވިއެވެ.

އަންނަ އަންގާރަ ދުވަހު އޮންނަ ކޮލިފިކޭޝަން މެޗަށް ބެންގަލޫރު އެފްސީ މިދިޔަ ހުކުރު ދުވަހު ރާއްޖެ އައިސްފައި ވަނީ މެޗުތަކަށް އެޗްޕީއޭގެ އިތުރުން އޭއެފްސީގެ ހާއްސަ ގައިޑްލައިނަށް ތަބާވެ، ޕްރޮޓޮކޯލްއެއްގެ ދަށުންނެވެ. މާލެ އައިސް ޕީސީއާރު ޓެސްޓު ހަދައި، އެޓީމަށް އެކަހެރިކޮށް ހޮޓެލް ކޭމްޕުގައި ތިބެން އުސޫލު އެކުލަވާލާފައި އޮތް ނަމަވެސް އެ އުސޫލާ ހިލާފަށް އެޓީމުގެ ކުޅުންތެެރިން އިއްޔެ ވަނީ މަގުމައްޗަށް ނުކުމެެފައެވެ.

އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭއެފްސީ ކަޕް މެޗު ކުޅުމަށް ބެންގަލޫރު އެފްސީ ރާއްޖެ އައިސް، ކޮވިޑް-19އާ ގުޅިގެން ހަދާފައިވާ ހަރުކަށި އުސޫލުތައް މުގުރާލައި މަގުމައްޗަށް ނުކުތުމުން، އެ ކްލަބު ވީ އެންމެ އަވަހަކަށް ރާއްޖެއިން ފުރައިގެން ދާންޖެހޭ ކަމަށެވެ.

އެއާ ވިދިގެން ކުރެއްވި އިތުރު ޓުވީޓުގައި މިނިސްޓަރު ވަނީ މެޗު ނުކުޅެވޭނެ ކަމަށް އެފްއޭއެމަށް އަންގަވާފައިވާނެ ކަމަށާއި އަދި ބެންގަލޫރު ޓީމުގެ ފުރުން ހަމަޖައްސަންވެސް އެދިފައިވާ ކަމަށް ވިދާޅުވެފައެވެ.

ބެންގަލޫރު އެފްސީގެ އަމަލުތަކާއެކު ރާއްޖޭގައި ކުޅެން އޮތް ގުރޫޕް ޑީގެ މެޗުތައްވެސް ފަސްކުރަން ސަރުކާރުން އޭއެފްސީއަށް އެދިފައިވާ އިރު، އެ މެޗުތައް މުއްދަތެއް ނެތް ގޮތަށް މިހާރު ވަނީ ފަސްކޮށްފައެވެ.