ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗުވި ގޮތުގެ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ކައިރީ އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން އަނިޔާވެގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭޑީކޭގައި ރައީސް ނަޝީދުގެ ސާޖަރީތައް ހެދުމަށް 16 ގަޑިއިރު ހޭދަވިއެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ދުސްތޫރީ ޒިންމާއެއް ކަމަށެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެރޭ މެންދަމު 12:55 ގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލްވުމުގައި ޓެރަރިޒަމްގެ މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، މި މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް އެދިފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ މި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މި މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، ކަމާގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލު ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެ ކޮމެޓީން އެދިފައިވާ ކަމަށެވެ.
"މިރޭ ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ބައްދަލުވުމުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް 06 މޭ 2021 ވަނަ ދުވަހުގެ ރޭ ރައްކާތެރިކަން ބްރީޗުވި ގޮތުގެ އިންކުއަރީއެއް ހެދުމަށް މި ކޮމިޓީން ވަނީ ނިންމާފައި،" ބަޔާނުގައިވެއެވެ.
ރޭ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، ރައީސް ނަޝީދަކީ އެމްއެންޑީއެފުން އެންމެ މަތީ ސެކިއުރިޓީ ފޯރުކޮށްދޭ އެއް ބޭފުޅާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭ ސްޕެޝަލް ފޯސް ޓީމުގެ އަދަދު އިތުރުކޮށްފައިވާ ކަމަށާއި އެ ޓީމު އެމަނިކުފާނާއެކުގައި އަބަދުވެސް ހަރަކާތްތެރި ވާނީ ހަނގުރާމަވެރި ހަތިޔާރާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް އަބަދު އިންޒާރު ލިބޭތީ އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން ބަލައި އެވަގުތަކުން ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ސެކިއުރިޓީ އެންހޭންސްމަންޓް ޕްލޭނެއްގެ ދަށުން ރައީސް ނަޝީދަށް އަރުވަމުން އަންނަނީ ކުރީގެ ރައީސަކަށް އަރުވާ ވަރަށް ވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާއެވެ.
މީގެ އިތުރުން އައިއީޑީއެއް ގޮއްވާލި މީހާގެ ފޮޓޯތައް ފުލުހުން ވަނީ އާންމުކޮށްފައެވެ. އެމީހާ މިހާތަނަށް ފެނިފައިނުވާތީ، އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު