(6 މެއިގެ އަދަދާ ގުޅޭ)

عبــدالمنـعـــم އޭނާގެ ބޭފުޅުންނާއެކު ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. طـاهـــرة އާއި ميـمــونـة އާ ދެބޭފުޅުން عبــدالمنـعـــم އާ ސަލާމްކުރައްވައިފައި އެއްފަރާތަކަށް ޖެހިވަޑައިގެންފިއެވެ. عبــدالمنـعـــم އާއި އޭނާގެ ބޭފުޅުން ގޮނޑިތަކެއް ކައިރިކޮށްލައްވައިފައި އިށީނދެވަޑައިގެންފިއެވެ. އެތަކެއް އަހަރެއްގެފަހުން سـكيـنـة އަށް އެފެނިވަޑައިގަންނަވަނީ އޭނާގެ ގޭގެ ފުރިހަމަ އުޖާލާކަމެވެ.

عبــدالمنـعـــم ސުވާލުކުރެއްވިއެވެ. "ކަލާގެ ހާލުކޮޅު ރަނގަޅުތޯ؟"

"އަޅުގަނޑު މުޅީން ރަނގަޅު."

سعد ވިދާޅުވިއެވެ. "މަންމާފުޅާ! މަންމާފުޅުގެ ހާލުކޮޅު ރަނގަޅުހެނެއް ހީއެއްނުވޭ. އަޅުގަނޑު ބޭސްވެރިޔަކު ގެނުވާނަން."

"ނޫން ދަރިފުޅާ! މަންމަ ބޭސްވެރިޔަކު ބޭނުމެއް ނޫން. ދަރިފުޅުމެންގެ އަހުގެ ފިޔަވަޅުގެ އަޑުއިވޭއިރަށް މަންމަގެ ހުން ވިހެލައިފި. އަނެއްކާ إدريـس ކޮބާ؟"

سعد ވިދާޅުވިއެވެ. " إدريـس ސީދާ ވަޑައިގެންނެވީ ބޮޑުދައިތާފުޅުގެ އަރިހަށް. ހަމަ މިހާރު ވަޑައިގަންނަވާނެ."

سـكيـنـة، طـاهـــرة އާއި ميـمــونـة އާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "ދަރިފުޅުމެން ކަނަކަށް ވެދެވަޑައިގެން ތިޔަތިއްބެވީ ކީއްވެތޯ؟ މިކޮޅަށް ވަޑައިގަންނަވާ!"

ميـمــونـة އާއި طـاهـــرة އާ ދެބޭފުޅުން ލަދުފުޅުން ހިމަވެވަޑައިގެން ތިއްބަވައި ކައިރިޔަށް ވަޑައިގެންފިއެވެ. سـكيـنـة ގެ އެނދާ ދެތިން ފިޔަވަޅެއްގެ ދުރުގައި ދެ ގޮނޑީގައި އިށީނދެވަޑައިގެންފިއެވެ.

سـكيـنـة އޭނާގެ ފިރިކަލުންނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލާއަށް ފަތަޙައިގެ މުބާރިކުބާދީ ދަންނަވަން. ކޮންދުވަހަކުތޯ އަޅުގަނޑުމެން ޤުރުޠުބާއަށް ދާނީ؟"

عبــدالمنـعـــم މޮޅިވެރި ރާގެއްގައި ވިދާޅުވިއެވެ. "إنشـاءاللّـه އަޅުގަނޑުމެން ޤުރުޠުބާއަށް ދާނަން. އެކަމަކު އަދިއެއް އެކަމުގެ ވަގުތެއް ނާދޭ!"

އެރޭގެ ރޭގަނޑު ميـمــونـة އަށް އޭނާގެ ފިރިކަލުންނާ އެކަހެރީން ވާހަކަ ދައްކަވާނެ ފުރުސަތު ލިބިވަޑައިގެންނެވުމާއެކު އޭނާ އެންމެފުރަތަމަވެސް ސުވާލު ކުރެއްވިއެވެ. "ބައްޕާފުޅު ޤުރުޠުބާއަށް ވަޑައިގެންނެވުމުގެ ޚިޔާލުފުޅު ބަދަލުކޮށްލެއްވީ ކީއްވެގެންތޯ؟"

سعد ޖަވާބު ދެއްވިއެވެ. "ބައްޕާފުޅުގެ ޚިޔާލުފުޅު ބަދަލެއް ނުކުރައްވާ. ލަސްކޮށްލެއްވީ. އެލަސްކޮށްލެއްވުމުގެ ސަބަބަކީ ޤުރުޠުބާގެ ވެށި އަދިވެސް އަޅުގަނޑުމެންނަކާ ނުގުޅޭނެ."

ميـمــونـة ވިދާޅުވިއެވެ. "ތިޔަހެންވީއިރު އަދިވެސް އަޅުގަނޑުމެންގެ ޙަޔާތުގެ ޙަޤީޤީ އުޖާލާ ފަތިހަކަށް އައްޔެއް ނުވިލޭނޫންތޯ؟"

"ނޫން! ميـمــونـة! ފަތިސްވެއްޖެ. އިރުއަރައިފި. އެކަމަކު އަދިވެސް އުޑުމަތީގައި ކަޅުވިލާތަކެއް ފެތުރިފައިހުރީ. އިރާދަކުރެއްވިއްޔާ މާގިނަދުވަހެއްނުވެ އެވިލާތައްވެސް ކެހިގެން ހިނގައިދާނެ. އުޑުމަތި ސާފުވެދާނެ. އޭރުން އަޅުގަނޑުމެންގެ ނަސީބުގެ އިރު އޭގެ ފުރިހަމަ ފާންކަމާއި އުޖާލާކަމާއެކު ފާޅުވެދާނެ. އަޅުގަނޑުމެން މިވަނީ އަންދަލުސުގެ މުސްލިމުންނާ ކުރިމަތިވި ބިރުވެރި ޠޫފާނީ ގަދަ ވައިގެ މިސުރާބު ބަދަލުކޮށްލައިފައި. އެކަމަކު އަދިވެސް ކުއްލިކުއްލިއަށްވާ ވައިރޯޅިތަކެއް ދުވަސްކޮޅެއްވަންދެން އަޅުގަނޑުމެން ފިކުރު ބޮޑުކުރުވަމުންދާނެ. އެކަންވެސް މާގިނަދުވަސްތަކެއްނުވެ ހަމަޖެހިދާނެ."

ميـمــونـة އިންނެވީ އޭނާގެ ފިރިކަލުންގެ މޫނުފުޅަށް ހިމޭންކަމާއެކު ބަލަހައްޓަވައިގެންނެވެ. އޭނާގެ މޫނުފުޅުމަތީގައިހުރި ހިނިފުޅުވެޑުވުމުގެ އަސަރު ދިޔައީ މަޑުމަޑުން ފިލަމުންނެވެ. سعد، ميـمــونـة އަށް ތަސައްލީ ދެއްވަމުން ވިދާޅުވިއެވެ. "ميـمــونـة! ކަލާ ކަންބޮޑުވެވަޑައިނުގަންނަވާ. ދެނެއް އަޅުގަނޑަކަށް އެފުރިކާއަށް ދާކަށެއް ނުޖެހޭނެ. އަންދަލުސުގެ އުޑުމަތީގައި މިހިރަ ކަޅު ވިލާތައްވެސް އިރާދަފުޅާއެކު ވަރަށް އަވަހަށް ކެހި ސާފުވެދާނެ!"

ميـمــونـة ހިމޭނުން އިންނަވާން ފެއްޓެވުމުން سعد ވިދާޅުވިއެވެ. "ميـمــونـة! ކޮންކަމަކަށްތޯ ތިޔަ ވިސްނައިވަޑައިގަންނަވަނީ؟"

ميـمــونـة ހިތާމަވެރި ރާގެއްގައި ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިވިސްނަނީ ކަލާގެ މަންމާފުޅާމެދު. ޤުރުޠުބާގެ މީހުން مـأمـون ذوالـنـّون ގެ ލަޝްކަރު ބަލިކޮށްލުމުންވެސް މަންމަ ހީފުޅުކުރެއްވީ ޠޫފާން މައިތިރިވެ މަސްރަޙު ސާފުވިއްޔޭ. މަންމަގެ ވޭނާއި ކެކުޅުމުގެ ދުވަސްތައް ނިމުމަކަށް އައީޔޭ. އެކަމަކު އޭގެފަހުންވެސް މަންމަގެ ޙަޔާތްޕުޅުގެ ކިތައް ހެނދުންތޯ ކަޅުފޮއި ރޭރެޔަށްވުރެވެސް ބިރުވެރިކަމުގައި ހޭދަވަމުން މިދަނީ؟ ދުވަސްތައް މައްސަރުތަކަށް މައްސަރުތައް އަހަރުތަކަށް ބަދަލުވެއްޖެ. އެކަމަކުވެސް އެބިރުވެރި ރޭތައް އަލި ފަތިހަކުން ނިމިއްޖެކަމުގެ ޔަގީންކަމެއް މަންމަޔަކަށް ލިބިވަޑައެއް ނުގަންނަވާ. ހަނަފަސް ސަހަރާތަކުގެ ދަތުރުވެރީންނަށް ފެންނަކަހަލަ އަވާމެންދުރުތަކެއް މަންމަޔަށް ފެނިވަޑައިގަންނަވަމުން މިދަނީ."

سعد ވިދާޅުވިއެވެ. "ميـمــونـة އަޅުގަނޑުމެންގެ މައިންބަފައިން އެބޭފުޅުންގެ ޙަޔާތްޕުޅުގެ އުފާފުޅުތައް ޤުރުބާންކުރެއްވީ އަންދަލުސަކީ އަޅުގަނޑުމެންނަށްޓަކައި އުފާފާގަތިކަމުގެ ބަގީޗާއަކަށް ހައްދަވައިދެއްވުމަށްޓަކައި. އަޅުގަނޑުމެންގެ އަންނަނިވި ނަސްލުތަކަށް ހަމަޖެހުމާއި އަމާންކަމުގެ ބިމަކަށް އަންދަލުސު ހެދުމަށްޓަކައި އަޅުގަނޑުމެންވެސް އެތައް އުފާތަކެއް ޤުރުބާންކުރާންޖެހޭނެ. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ މިއަދު، އަޅުގަނޑުމެންގެ މާޒީއަށްވުރެ ރަނގަޅު. އަޅުގަނޑުމެންގެ މުސްތަޤުބަލު އަޅުގަނޑުމެންގެ މިހާރަށްވުރެ ރަނގަޅުވާނެ! إنشـاءاللّـه!"

"ކަލާ އަޅުގަނޑާ ދުރުގައި ހުންނަވާއިރު އަޅުގަނޑު މާޒީއާއި މިހާރާއި މުސްތަޤުބަލުގެ ސަރަޙައްދީ އިންތަކާމެދު ވިސްނަން. އެކަމަކު ކަލާ އަޅުގަނޑުގެ ކައިރީގައި ހުންނަވާއިރު އަޅުގަނޑުގެ ގާތަކު ޒަމާންތަކުގެ ސަރަޙައްދީ އިމެއް ނޯވޭ. މިހާރު އަޅުގަނޑު މިހުރީ ވަގުތުގެ ކަސްތޮޅުން މިނިވަންވެފައިވާ ދުނިޔެއެއްގައި. ކުރިމަތިލާންޖެހުނު ކަންތައްތަކާމެދު އަޅުގަނޑުގެ ކުޑަވެސް ޝަކުވާއެއް ނެތް. އަތުވެދާނެ އެއްވެސް ނުރައްކަލަކާހުރެ އަޅުގަނޑު ބިރެއް ނުގަނޭ. އަޅުގަނޑު އެދެނީ އަބަދުވެސް ކަލާގެ އަރިހުގައި ހުންނަން. ކަލާގެ މުލައްދަނޑިފުޅުގައި ހިފަހައްޓައިގެންހުރެ ޙަޔާތުގެ ކިތަންމެ ވަރުގަދަ ޠޫފާނަކާވެސް އަޅުގަނޑަށް އުފަލުން ހެމުން ކުރިމަތިލެވިދާނެ."

سعد ހިނިފުޅުވަޑުވައިލެއްވިއެވެ. "ميـمــونـة! ކަލާ އަބަދުވެސް ހުންނަވަނީ އަޅުގަނޑާއެކު. ދުވަހަކުވެސް އަޅުގަނޑުމެން އެކަކު އަނެކަކާ ވަތްކެއްނުވަމު. އެފުރިކާގެ ހިޔާވަހިކަމެއް ފެނެއް ނެތް ސަހަރާތަކުގައިވެސް ކަލާ އަޅުގަނޑާއެކު ހުންނެވީމު. ކަނޑިތައް ކޭރުވޭ އަޑާއި ތީރުތައް ވައިކަފާ އަޑުގެ ތެރެއިންވެސް އަޅުގަނޑަށް ފާހަގަކުރެވެނީ ކަލާގެ އަޑުފުޅު. ޒަލާޤާގެ މައިދާނުގައި އެކެއްގެވެސް ހައްޓަކު ހެޔެއްނެތް. އެކަމަކު އެމައިދާނުގައިވެސް ކަލާ އަޅުގަނޑުގެ އަރިދަށުގައި ހުންނެވީމު. ކޮންމެ ތަނެއްގައިވެސް ކަލާ އަޅުގަނޑާއެކު ހުންނަވަމު. އަބަދުވެސް ހުންނަވާނޫ. ވަގުތާއި އޭރަކު ތިބޭންޖެހިފައި އޮންނަ ދުރުމިނެއް އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި ހުރަހަކަށް ނުވާނެ."

ހަމަ އެގޭގެ އެހެން ކޮޓަރިޔެއްގައި أحمد އާއި طـاهـــرة އާ ދެބޭފުޅުން ތިއްބެވީ ޚިޔާލުފުޅުގެ ދުނިޔެއަކަށް ޣަރަޤުވެވަޑައިގެންނެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. طـاهـــرة ބައެއްފަހަރަށް އޭނާގެ ފިރިކަލުންނާ ޒަލާޤާގެ މަޢުރިކާއާ ބެހޭގޮތުން ސުވާލު ކޮށްލައްވައެވެ. أحمد ކުރު ޖަވާބެއް ދެއްވައިފައި އަނެއްކާވެސް ހިމޭންވެވަޑައިގަންނަވަނީއެވެ. طـاهـــرة ގެ މޫނުފުޅަށް ބަލަހައްޓަވައިގެން ކަޅިފުޅު ޖައްސަވަންވެސް ހަނދުމަފުޅު ނެތިފައި އިންނަވަނީއެވެ. طـاهـــرة އެންމެފަހުން ސުވާލު ކުރެއްވިއެވެ. "ކަލާ ތިޔަ ވިސްނައިވަޑައިގަންނަވަނީ ކޮންކަމަކާމެދުތޯ؟"

أحمد ވިދާޅުވިއެވެ. "ކަލާގެ ކުރިފުޅުމަތީގައި އިންނައިރު އަބަދުވެސް އަޅުގަނޑުގެ ހިތަށް އަރަނީ....."

طـاهـــرة އަވަސްއަވަހަށް أحمد ގެ ޖުމުލަ ފުރިހަމަކޮށްދެއްވަމުން ވިދާޅުވިއެވެ. "ޠުލައިޠުލާއިން އަޅުގަނޑުމެން ބައްދަލުވުމުގެ ކުރީންވެސް ކަލާގެ ސިކުނޑިފުޅުގައި އަޅުގަނޑުގެ ތަސްވީރެއް ބިންވަޅު ނެގިފައިހުރި ދޮގެއްތޯ؟"

أحمد ވިދާޅުވިއެވެ. "މިއީ ސަމާސާއެކޭ ހީފުޅު ނުކުރައްވާތި. ކަލާ ފެނުމުން އަޅުގަނޑަށް ހީވަނީ އަބަދުވެސް އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކު ދަންނަހެން. އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކަކަށް ބީރައްޓެހި ދެމީހުންނެއް ނޫންހެން. އަޅުގަނޑުމެން ދެމީހުންގެ ފުރާނަ އަޒަލުއްސުރެ ވަނީ އެކަކު އަނެކަކާ ރައްޓެހިވެފައިހެން. މިދުނިޔޭގައި އަޅުގަނޑުމެން ދެމީހުން އާވާރާވެގެން އުޅުނީ އެކަކު އަނެކަކު ނުފެނިގެން. ޙަޔާތުގެ ހާދިސާއެއް އަޅުގަނޑުމެން ދެމީހުން އެއްތަން ނުކުރުވިނަމަ އަބަދުވެސް ކަލާގެ ފަނޑުފަނޑު ތަސްވީރެއް އަޅުގަނޑުގެ ސިކުނޑީގައި ނުފިލައި ހުރީސް. އަޅުގަނޑު އަބަދުވެސް ބޭޤަރާރު ކުރުވަމުން ގެންދިޔައީސް!"

(ނުނިމޭ)