ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވަމުންދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގާ ކަމަށެވެ.

މީގެ އިތުރުން މާލޭ ސަރައްދުގައި ޓިއުޝަން ސެންޓަރުތަކާއި ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތަކުގައި ކިޔަވައިދިނުމަށް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ. އަދި ޑޭ ކެއާ ސެންޓަރުތަކުން ދެމުންގެންދާ އެންމެހައި ހިދުމަތްތައް ދިނުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.

ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން މީގެ ކުރިން ވެސް ވަނީ މާލެ ސަރުހައްދުގައި އެފަދަ ފިޔަވަޅުތައް އަޅައިފައެވެ. ނަމަވެސް އަދަދުތައް ދަށްވުމާއެކު ފިޔަވަޅުތައް ވަނީ އުވާލައިފައެވެ.

ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ އާއި ބައެއް ރަށްރަށުގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމަށް ވަނީ ނިންމައިފައެވެ.

ފާއިތުވެދިޔަ ދެ ދުވަހު ރާއްޖެއިން ވަނީ ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.