އިންސާނިއްޔަތު އެދިގޮވާ އެންމެ މުހިއްމު އެއްކަމަކީ ޢަދުލުވެރިވުމެވެ. އިންސާފުން ކަންތައް ކުރުމެވެ. މުޢާމަލާތަކުގައި ދެފަރާތް އެއްވަރު ކުރުމެވެ. އެއްވެސް ޙާލެއްގައި އަނިޔާވެރި ނުވުމެވެ. ބޭއިންސާފުން ކަންތައް ނުކުރުމެވެ. އިސްލާމްދީނުގައި ވަނީ ޢަދުލުވެރިވުމަށް ވަރަށް ވަރުގަދަޔަށް ބާރުއަޅުއްވައިފައެވެ.
ކީރިތި ޤުރްއާނުގައި އިރްޝާދު ދެއްވައިފައި ވެއެވެ. "ހަމަކަށަވަރުން ޢަދުލުވެރިވުމަށާއި އިޙްސާންތެރި ވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމަށް ﷲ އަމުރު ކުރައްވައެވެ. (އައްނަޙްލު: 90) އަދިވެސް އިރްޝާދު ދެއްވައިފައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުކުރެއްވީ ޢަދުލުވެރި ވުމަށެވެ." (އަލްއަޢުރާފު: 29) ޢަދުލު އިންޞާފުގެ މާއްދީ ރަމްޒެއްގެ ގޮތުން ޤައުމުތަކުގައި ގެންގުޅެނީ ތިލަފަތެވެ. ތިލަފަތުން ބަރާބަރަށް އެއްޗެހި ކިރައި ވަޒަން ކުރެވޭ ފަދައިން އިންސާނާގެ ބަހާއި ޢަމަލުވެސް ހުންނާން ވާނީ އެ މިންގަނޑަށް ފެތިފައެވެ. އިންސާނާއަށް ވާޖިބުވެގެން ވަނީ އޭނާގެ ކޮންމެ މުޢާމަލާއެއްގައި ވެސް ފުރިހަމަޔަށް އިންޞާފުވެރިވުމަށެވެ. ޙައްޤުން އެއްކިބާ ނުވުމަށެވެ. އޭނާގެ ބަހާއި ޢަމަލު އިންޞާފާއި ޙަޤީޤަތުގެ ތިލަފަތުން ކިރައި ވަޒަން ހަމަކޮށްފައި ވުމެވެ.
އިޖުތިމާޢީ ހުރިހާ ކަމެއްވެސް ބަރާބަރަށް ޢަދުލު އިންޞާފުން ގެންދިޔުމަށް ކީރިތި ޤުރްއާނުގައި ވަނީ ފަށްފަށުން އަމުރުކުރައްވައިފައެވެ. ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. "އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށް ވެސް، އަމުރު ކުރައްވަތެވެ." (އައްނިސާއު: 58) "އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައިވެސް ޢަދުލަށް (ތެދަށް) ބުނާށެވެ." (އަލްއަންޢާމް: 152) މުއުމިނުންގެ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިވެ ތަޅާފޮޅައި ހަނގުރާމަ ކުރި ކަމުގައި ވިޔަސް ޢަދުލުވެރިގޮތުން އެދެބައިމީހުންގެ މެދުގައި ޞުލްޙަ ކުރުވުމަށާއި، ޢަދުލުވެރި ވުމަށާއި މާތްﷲ ލޯބިވެވޮޑިގެންވަނީ ޢަދުލުވެރީން ދެކެކަން ވަނީ ބަޔާންކޮށްދެއްވައިފައެވެ. (އަލްޙުޖުރާތު: 9) އާދެ، މިއީ އިސްލާމްދީނުގެ ވަރަށް ޢާއްމު ޙުކުމްފުޅުތަކެކެވެ.
ޢާއިލާގެ ތެރޭގައްޔާއި، މުޖުތަމަޢުގައި އަބަދުވެސް ދެބަސްވުން ހިނގައެވެ. އެފަދަ ވަގުތުތަކުގައި ކަމާގުޅޭ އެންމެނަށް ވާޖިބުވެގެންވަނީ އިންސާފުން އެކަންކަން ފައިޞަލާ ކުރުމެވެ. އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި ކަން އޮތް ގޮތަށް މަސްއަލަ ނިންމުމެވެ.
އަރަހުށި މާތްﷲ ގެ އެހެން ވަޙީ ބަސްފުޅެއްގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމުކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައި ވާށެވެ! އަދި ބަޔަކުމީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ. ތިޔަބައިމީހުން ޢަދުލުވެރިވާށެވެ. އެގޮތުން ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ." (އަލްމާއިދާ: 8)
އިސްލާމްދީނުގައި ޢަދުލުއިންޞާފަށް ބާރުއަޅުއްވައިފައިވާ ވަރުގަދަކަން އިސްވެދިޔަ ބަސްފުޅުތަކުން އޮޅުމެއްނެތް ގޮތުގައި ހާމަވެއެވެ. ދުޝްމިނަކާ މުޢާމަލާކުރަން ޖެހުނު ކަމުގައި ވިޔަސް އިންޞާފުން އެއްކިބާނުވެ ޢަދުލުވެރިވުމަށް އަމުރު ކުރެއްވުމުން އެކަން އިތުރަށް ޞަރީޙަވެއެވެ. އަރަހުށި މާތްﷲ އުޑުތަކާއި ބިމުގެ ނިޒާމު ޤާއިމުކުރައްވައިފައި ވަނީ ޢަދުލުގެ ބިންގަލުގެ މަތީގައެވެ. އެހެންކަމުން އިންސާނާވެސް ބިމުގައި ދިރިއުޅޭން ވާނީ ޢަދުލުވެރިކަމާ އެކުގައެވެ. ހަމަތަކާއި އިންޞާފާ އެއްގޮތަށެވެ. ބޭއިންޞާފަކަށް މިދުނިޔެއަކު ކުޑަވެސް ޖާގައެއް ނެތެވެ.
ދީން
ދީން
ދީން
ދީން