ޕްރައިވެޓް އޮފީސްތައްވެސް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އަންގައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ފަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް އަންގާ ކަމަށެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކާއި ކޮންމެހެން ނުކުމެގެން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
މިއަހަރުގެ ކުރީކޮޅު، މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ވަނީ ސަރުކާރު އޮފީސްތަކާއި ބައެއް ޕްރައިވެޓް އޮފީސްތައްވެސް ބަންދުކޮށްފައެވެ. އަދި އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފައިވާ އިރު، ރޭގަނޑު 9:00ގެ ފަހުން ފިހާރަތަކާއި ރެސްޓޯރެންޓުތައް ބަންދުކުރަން ވެސް ވަނީ ނިންމައިފައެވެ. އަދި ޖިމްތަކާއި ކަސްރަތު ކުލާސްތައް އަދި ސެލޫން ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ އަންގައިފައެވެ.
އޭގެ އިތުރުން އިއްޔެއިން ފެށިގެން ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ވަނީ ބަންދުކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރު އޮފީސްތައްވެސް ދިހަ ދުވަހަށް ބަންދު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ. އަދި މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތަށްވެސް މިހާރު ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.
ވޭތުވެދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ އާއި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 500 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މިމަހު މާލެ ސަރަހައްދުން ވަނީ 1800 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު