ރައްޔިތުން މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރިން ދިން އެ ހަމަލާގައި ސައިކަލެއް ގޮވާފައިވާ އިރު، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ރައީސް ނަޝީދާއި ބޮޑީގާޑަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ.

ރައީސް ނަޝީދުގެ އަރިހަށް އޭޑީކޭއަށް ޒިޔާރަތްކުރެއްވުމަށް ފަހު ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.