އއ. ރަސްދޫގައި ކޮވިޑު ޖެހިގެން ކަރަންޓީނުގައި ހުރި އިންޑިއާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަލީ ރިޔާޒު 'ވަން' އަށް މިއަދު ވިދާޅުވީ، މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އެ ރަށަށް ދިޔަ އެ ފަތުރުވެރިޔާގެ ފަރާތުން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ނެގި ސާމްޕަލް ޕޮޒިޓިވް ވެފައި ވަނީ އެމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
އުމުރުން 61 އަހަރުގެ އެ މީހާ އެ ދުވަހުން ފެށިގެން ހުރީ ގެސްޓްހައުސްއެއްގައި ކަރަންޓީނުކޮށްފައެވެ.
ރިޒާ ވިދާޅުވީ، މިއަދާ ހަމައަށްވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް މިއަދު މެންދުރު އޭނާގެ މެޔަށް ތަދުވާތީ ރިޕޯޓު ކުރުމުން ހޮސްޕިޓަލުގެ ފަރާތުން އެ ގެސްޓްހައުސްއަށް ގޮސް އޭނާއަށް ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އަދި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާގެ ހަށިގަނޑު މި ވަގުތު އޮތީ ރަސްދޫގައެވެ. ނަމަވެސް އެމްބަސީއާ ކަމާބެހޭ ފަރާތްތަކުން އޭނާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލަނީ ހުޅުމާލޭގައި ހުންނަ ސަހަރާގައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑު ޖެހިގެން އިތުރު ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ ޅ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން 83 އަހަރުގެ ފިރިހެނެކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ ދަންވަރު މަރުވި އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު