ނުއަގުގައި މުދާ ގަންނަ ފަރާތްތަކަށް ހަރުކަށި އަދަބުދޭ ގާނޫނެއް ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވައްކަން ކުރުން އިތުރުވާ މައްސަލަ ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައި މާރިޔާ ވިދާޅުވީ، އިނގިރޭސި ވިލާތުގައި ވައްކަން ގިނަވާން ފެށުމުން، ނުއަގުގައި ތަކެތި ގަންނަ ފަރާތްތަކަށް ދޭ އުގޫބާތް ބޮޑުކޮށް، ގާނޫނު ބަދަލު ކުރީ ކަމަށެވެ. އަދި އެގޮތަށް އެމީހަކު ގަންނަނީ ވައްކަންކޮށްފައިވާ މުދާކަން އެނގެން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވެފައިވާ އިރު، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ގެންގޮސްފައި ހުރި ކޭބަލްތަކެއް ވަގަށް ނަގައިގެން އެ މައްސަލަ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުން އިއްޔެ ވަނީ ބަލަން ފަށައިފައެވެ.
އެޗްޑީސީން އިއްޔެ ބުނީ، އެ ކޭބަލްތައް ގެއްލިފައިވާކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައުމާއެކު ކުންފުނީގެ އިންޓާނަލް އޮޑިޓުންނާއި ފުލުހުން ގުޅިގެން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، ހިޔާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގެ ކަރަންޓު ވަޔަރު ކުރުމަށް ބޭނުންކުރާ ނަރުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ފްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނަ ޗައިނާ ކުންފުނިން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު