ޔޫރަޕުގެ އެންމެ ކާމިޔާބު ޓީމު، ރެއާލް މެޑްރިޑް ކަޓުވާލައި ޗެލްސީން ނުވަ އަހަރަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ޗެލްސީ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު 2-0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުން ފައިނަލް ކަށަވަރުކުރީ އެގްރިގޭޓް 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގު ރެއާލްގައި ކުޅެ، ޗެލްސީން އަވޭ ގޯލެއް ޖަހައި 1-1 އިން އެއްވަރުކޮށްފައި އޮތް އިރު، މެޗަށް ނުކުތްއިރުވެސް ފައިދާ އޮތީ ޗެލްސީއަށެވެ.
ޗެލްސީން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައިވަނީ 2011-12 ވަނަ އަހަރުގެ ސީޒަންގައެވެ. އެޓީމުން ފުރަތަމަ ފަހަރަށް އެ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިރު، ފައިނަލުން މޮޅުވީ ބަޔާން މިއުނިކާ ދެކޮޅަށް އެކްލަބުގެ ދަނޑުގައި ކުޅެގެންނެވެ.
އަނެއްކޮޅުން ރެއާލްއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޔޫރަޕްގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓީމު ރެއާލް، މިހާތަނަށް 12 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން ފައިނަލް ކުޅެ ކާމިޔާބު ކޮށްފައިވަނީ 2017-18 އަހަރުއެވެ. އޭގެ ކުރިން ފަސް އަހަރު ތެރޭ ހަތަރު ތަށި ރެއާލްއިން ކާމިޔާބުކުރި އިރު، ޖެހިޖެހިގެން ތިން ފަހަރަށްވެސް އެޓީމުން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް ފެނުނީ ދެޓީމުންވެސް މެޗުގެ ސީރިއަސް ކަމުގައި ކުޅުނުތަނެވެ. ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައި އޮތުމުން މާ ބޮޑަށް ހުޅުވިޔަ ނުދީ ދެޓީމުންވެސް ކުޅެމުން ދިޔައީ ކެތްތެރިކަމުގެ ކުޅުމެކެވެ. ކުރިއަށް ޖެހުމުގައި މުޅި ޓީމު އެކީ އެކައްޗަކަށް ޖެހުމުގެ ބަދަލުގައި ދެޓީމުންވެސް ދިޔައީ ކޮންޓްރޯލް ހިފަހައްޓައި، ޓީމުގެ ފޯމޭޝަން ރޫޅާނުލައި ހިފަހައްޓަމުންނެވެ.
ހާފުގެ ކުރީކޮޅުގައި ޗެލްސީން ހަމަލާތައް އުފައްދަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ލީޑުވެސް ނެގިއެވެ. އެންގޯލޯ ކަންޓޭ މެދުތެރެއިން ކުރި މަސައްކަތާއެކު ހޯދި ބޯޅަ ކައި ހަވާޓްސްއަށް ކުރިއަށް ދުއްވާލުމުން އޭނާ ކީޕަރު ތިބޯ ކޯޝުއާ ބޯމަތިން އެއްލި ބޯޅަ ދަނޑީގައި ޖެހިފައި ވެއްޓުމުން ބޮލުން ގޯލަށް ވައްދާލީ ޓީމޯ ވާނާއެވެ.
ވާނާގެ ގޯލާއެކު ލީޑު ނެގުނު ނަމަވެސް، ޗެލްސީއަށް ފަސޭހަ ހާފަކަށް ފުރަތަމަ ހާފު ނުވިއެވެ. ރެއާލްގެ ފޯވަޑް ކަރިމް ބެންޒެމާ ފެނުނީ ނުރައްކާތެރިކޮށެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޗެލްސީ ކީޕަރު މެންޑީ މަތަކޮށް ބޭރުކޮށްލި އިރު، އޭގެ 10 ވަރަކަށް މިނެޓް ފަހުން ބޮލުން ޖެހި ހަމަލާވެސް މަތަކުރީ މެންޑީއެވެ.
ރެއާލްއިން ގޯލަކަށް ފެންބޮވައިގަނެ، ދެވަނަ ހާފުގައި ކުރިއަށް ޖެހެން ފެށިއެވެ. ޗެލްސީން ކައުންޓާގައި ފުލުފުލުގައި ފުރުސަތު ހޯދަމުން ދިޔަ ނަމަވެސް، އެޓީމަށް ކަންބޮޑުވުމަކަށްވީ ހުސް ފުރުސަތުތަކެއް ބޭކާރުވެގެން ދިއުމެވެ. ކައި ހަވާޓްސްއާއި މޭސަން މައުންޓަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުތައް ނަގާލި އިރު، ރެއާލްއިން ކުޑަ ވަގުތު ކޮޅަކަށް ޗެލްސީއަށް ޕްރެޝަރުކުރިއެވެ.
އެހެންނަމަވެސް ވަރުގަދަ ރޫހެއްގައި ކުޅެމުން ދިޔަ ޗެލްސީ ދެވަނަ ގޯލެއް ޖަހައި، ނުވަ އަހަރަށްފަހު ފައިނަލް ޔަގީންކުރިއެވެ. ކަންޓޭ މެދުތެރެއިން ވަރުގަދައަށް ކުރިއަށް ޖެހި ރެއާލް ޑިފެންޑަރު އަތުން ބޯޅަ ގެއްލުވާލައި، އެ ޕާސް އަރިމަތިން ޕުލިސިޗަށް ދިން އިރު، އޭނާގެ ހުރަސް މޭސަން މައުންޓް ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
ޗެލްސީއާއި މެންޗެސްޓާ ސިޓީ ކުޅޭ ފައިނަލް މިމަހު 29 ވަނަ ދުވަހު އޮންނާނީ ތުރުކީގެ އިސްތާންބޫލްގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު