ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެނދުތައް އިތުރުކޮށް، ވެލިދޫ އޮޕަރޭޝަން ސެންޓަރު އަލުން ހުޅުވުމަށް ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައިސީޔޫ އެނދުތައް އިތުރުކުރުމާއި އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ 12 އެނދެއް މިހާރު އައިސީޔޫ އެނދުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށާއި އިތުރު ބައެއް އެނދު މާދަމާ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

"ހުޅުމާލޭ ހޮސްޕިޓަލުގައި ވަކި އިމާރާތެއްގެ ގޮތުގައި ހުރި އިމާރާތެއްގައި 50 އެނދު އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތްތަކެއް މިހާރު މިވަނީ ފެށިފައި. އަދި އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށްވެސް މަސައްކަތް އެބަ ކުރެވޭ. ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ގާތްގަނޑަކަށް މިހާރު ހުރީ ފުރިފައި. މިކަމާ ގުޅިގެން ވެލިދޫ އަލުން ހުޅުވައި ވެލިދޫ އައިސިލޭޝަން ފެސިލިޓީ ބޭނުން ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. މާދަމާ އެތަންވެސް އޮޕަރޭޝަނަށް ގެނެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، މާލޭ ސަރަހައްދުގައި އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމުކުރުމާއި އިތުރު ފްލޫ ކްލިނިކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަދު އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.