ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާއި ރޯދަ މަހަކީ ކަރަންޓު ބިލުތައް ބޮޑުވާ ދުވަސްކޮޅެކެވެ. މި އަހަރުގެ ރޯދަ މަސް ދިމާވެފައި މިވަނީ ހޫނު މޫސުމާއެވެ. އަނެއްކޮޅުން އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރޯދަމަސް މިވަނީ ދެ މަހަކަށް ބެހިފައެވެ. މި އަހަރުގެ ރޯދަ މަހަށް އެއްކޮށްހެން އަންނާނީ އެއް ބިލެކެވެ. އެއީ މި އަހަރުގެ ރޯދަ މަސް ފަށާފައި ވަނީ މީލާދީ މަހުގެ ކުރީ ކޮޅުގައި ވުމުންނެވެ. އަދި ރޯދަ މަހާއެކު ހަ ރޯދަ ނިމޭނީ މީލާދީ މަހުގެ ފަހުކޮޅަށްވާ އިރު ކަރަންޓު ބިލް ތައްޔާރު ކުރަނީވެސް މަހުގެ ފަހުކޮޅުގައެވެ.
"މިދިޔަ އަހަރުގެ ރޯދަ މަހުގެ ބިލް ވަނީ ދެ ބިލަކަށް ބެހިގެން ގޮސްފައި. ފުރަތަމަ ފަނަރަ ރޯދަ މަހުގެ ކުރީކޮޅުގައި ދޫކުރި ބިލަށް. ފަހު ފަނަރަ ގޮސްފައިވަނީ އަނެއް މަހުގެ ބިލަށް،"
އެހެން ނަމަވެސް މި މަހުގެ ބިލުގައި ރޯދަ މަހުގެ 19 ދުވަސް ހިމެނޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
"ވޭތުވެދިޔަ ތިން އަހަރަށް ބަލައިލާ ނަމަ، މި އަހަރުގެ ރޯދަމަހު ހުޅުމާލޭގައި ވެސް ރިކޯޑު އަދަދަކަށް ކަރަންޓު ބޭނުން ކުރި މަހަކަށް އެބަވޭ. މާލޭގެ އެކި ސަރަހައްދުން ރީޑިން ނަގައި ބެލިއިރު ގާތްގަނޑަކަށް 20-30 އިންސައްތައަށް ބިލް ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އެހެންވީމަ މި މަހުގެ ބިލް 30-25 އިނަސައްތައަށް ބޮޑުވާނެ ކަމަށް ގަބޫލު ކުރެވޭ،"
މި މަހުގެ ބިލް ކުޑަކުރުމަށް ބޭނުން ނަމަ އެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި ސްޓެލްކޯގެ އޮފިޝަލު ވިދާޅުވީ، ރީޑިން ނެގުމާ ދެމެދު އަދި 10 ވަރަކަށް ދުވަސް އެބައޮތް ކަމަށެވެ. އެހެން ކަމުން ރޯދަ މަހުގެ ބާކީ މި އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވެ އިގްތިސޯދު ކޮށްފި ނަމަ އެ ބިލް ކުޑަ ވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ އެ އަހަރުގައި އެންމެ ގިނަ އިން ކަރަންޓު ބޭނުން ކުރާ އެއް މަހެވެ. އެހެން ދިމާވަނީ ރޯދަ މަހު ހައި ވޯލްޓޭޖް ހިމެނޭ ކަރަންޓުގެ ސާމާނު ބޭނުން ކުރަން ޖެހޭ ވަރު އިތުރުވުމުގެ ސަބަބުންނެވެ.
"މިސާލަކަށް އަޅުގަނޑުމެން އާދައިގެ މަހެއްގައި ބޭނުންކުރާ ވަރަށް ވުރެ ޑަބަލްކޮށް އަވަން މިކިސްޗަރު އެބަ ބޭނުންކުރޭ ރޯދަ މަހުގައި. އެއީ ނިސްބަތުން ބަލާ ނަމަ ވަރަށް ބައިވަރު ކަރުންޓު."
އެހެން ކަމުން ސްޓެލްކޯ އިން އެދެނީ މި މަހުގެ ބާކީ އޮތް ބައިގައި ކަރަންޓު އިގްތިސޯދުކޮށް ބޭނުން ކުރެވޭ ނިސްބަތް މަދު ކުރެވޭން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމަށެވެ.
ކަރަންޓް ބިލް ބޮޑުވާ ކޮންމެ ފަހަރެއްގައި ވެސް އިނގިލި ދިއްކުރެވެނީ ސްޓެލްކޯ އަށެވެ. އެހެން ނަމަވެސް ކަރަންޓް ބިލް ބޮޑުވުމުގައި ސްޓެލްކޯގެ އިހުމާލެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިން ރައްޔިތުންނަށް ދެއެވެ.
"ރީޑީން ނަގާފަ ބިލް ހަވާލު ކުރުމުގެ ކުރިން އެހެން މަސްތަކުގެ ބިލާއި ފަހުން ނެގި ބިލުގެ ތަފާތު ބަލައި އެ ބިލް ބޮޑުވާ ނަމަ އެ މީޓަރަކުން ދެވަނަ ފަހަރު ރީޑިން ނަގަން ވެސް އެބަ ފޮނުވަން،" ސްޓެލްކޯ އިން ބުންޏެވެ.
އެއް މަހުގެ ބިލަށް ވުރެ ޖެހިގެން އަންނަ މަހުގެ ބިލު ފާހަގަކޮށްލެވޭ ވަރަށް ބޮޑު ނަމަ އެ ކަސްޓަމަރަކާ ވާހަކަ ދައްކައިގެން އެ ފަރާތުން ރިކުއެސްޓްކޮށްފި ނަމަ މީޓަރު ޓެސްޓް ވެސް ކޮށްދޭ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ރޯދަ މަސް ނިމިގެން މި ދަނީ އަޅުގަނޑުމެން ވަރަށް ގިނަ ވަގުތު ގޭގައި ވެސް ހޭދަ ކުރާން ޖެހޭ ފަދަ ގޮތަކަށެވެ. ކޮވިޑުގެ ސަބަބުން ބޭރުގައި އުޅެވޭ ވަގުތު މަދުވެ، އަބަދު ގޭގައި ބަންދު ވެގެން ތިބޭން ޖެހުމަކީ ވެސް ކަރަންޓުގެ ބޭނުން އެކި ގޮތްގޮތުން އިތުރަށް ކުރެވޭނެ ސަބަބަކަށް ވާނެ އެވެ. އަދި ހަމަ އެހެންމެ ސްޓެލްކޯއިން ފާހަގަކޮށްފައިވާ ގޮތަށް މިއީ ހޫނު މޫސުމުގެ ދުވަސްވަރަށް ވެފައި، ރޯދަމަހަކީ ބަދިގޭގެ އެކި ކަންކަމާ ގުޅިގެން ވެސް ބޮޑަށް ކަރަންޓު ހިނގާ ވަރަށް ގިނަ އެއްޗެހި ގިނަ އަދަދަކަށް ކޮންމެ ދުވަހަކުވެސް ބޭނުންކުރާން ޖެހޭ މަހެކެވެ.
މި ހުރިހައި ކަމަކާ އެކުވެސް އިތުރު ސަމާލު ކަމެއް ދެއްވައި ނަމަ، ކަރަންޓު ބިލު ކޮންމެވެސް ވަރަކަށް ކުޑަކޮށްލުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އެބައޮތް ކަމަށް ސްޓެލްކޯއިން ބުނެ އެވެ. ސްޓެލްކޯއިން ހަނދާން ކޮށްދެނީ ބިލު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހައި ކަމެއް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް