އެސްޓީއޯ އިން ބިސް ކޭހެއްގެ އަގު 100 ރުފިޔާ އަށް ކުޑަކޮށްފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ ހޯލްސޭލް ކޮށް ބިސް ވިއްކާ އަގު ހެޔޮ ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ބިސް ކޭހެއް ވިއްކަމުން އަންނަނީ 100 ރުފިޔާއަށް ކަމަށެވެ.

އެ ކުންފުނީގެ ސުޕަމާޓުން ވަކިން ބިހެއް ވިއްކަނީ 1.40 ރުފިޔާ އަށެވެ.

މި ރޯދަ މަސް ފެށުނުއިރު، އެސްޓީއޯއިން ބިސް ކޭހެއް ވިއްކަމުން އައީ 255 ރުފިޔާ އަށެވެ. އެސްޓީއޯއިން ވަނީ ރޯދަ މަހަށް ހާއްސަކޮށް ބިހުގެ ސްޓޮކެއް ގެނެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފައެވެ.

ބިސް ކޭހެއްގެ އަގު އެސްޓީއޯއިން ކުޑަކޮށްފައިވާއިރު، މިދިޔަ ހަފުތާގައި އެކުންފުނިން ވަނީ ފިޔާ ބަސްތާއެއް ވިއްކާ އަގުވެސް 100ރ. އަށް ކުޑަކޮށްފައެވެ.

އެކުންފުނިން ވަނީ މި ރޯދަމަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސް ނުވެ ލިބޭނެ ކަމަށް ބުނެފައެވެ.