ކުޅިވަރު

ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮސިޓިވްވެ އައިޕީއެލް މެދުކަނޑާލައިފި

މުޙައްމަދު ޝަމްޢޫން

އިންޑިއާ ކްރިކެޓް ލީގު، އައިޕީއެލްގައި ކުޅޭ ބައެއް ކުޅުންތެރިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވުމާއެކު ލީގު މެދުކަނޑާލަން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ލީގު، އައިޕީއެލްގެ ކުޅުން ކުރިއަށް ގެންދިޔުމަށް އެގައުމުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އިންޑިއާގެ ކޮވިޑް ހާލަތު ދުވަހުން ދުވަހަށް ގޯސްކޮށް ދިޔައިރުވެސް ލީގު ކުރިޔަށް ގެންގޮސްފައި ވެއެވެ. އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔާފައެވެ.

އައިޕީއެލްގެ ކުޅުންތެރިން ރައްކާތެރިކަމާއެކު ކޭމްޕް ތެރޭގައި މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުތައް ދަތުރު ކުރަނީވެސް އަމިއްލަ ޖެޓްތަކުގައެވެ. އަދި އެގައުމުގައި ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދަނީ ސެކުއާ ބަޔޯ ބަބުލްއެއްގެ ތެރޭގައެވެ.

މިރޭ ސަންރައިސް ހައިދުރައާބާދުން މުމްބާއީ އިންޑިއަންސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ހައިދްރައާބާދުގެ ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވިކަމަށް އައިޕީއެލްއިން ބުނެފައިވާއިރު، ހޯމަ ދުވަހު ކަލްކަތާ ނައިޓް ރައިޑާސްގެ ދެ ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވި ކަންވެސް އައިޕީއެލްއިން ވަނީ އާންމު ކޮށްފައެވެ.

އައިޕީއެލްއިން ބޭއްވި އިމަޖެންސީ މީޓިންއެއްގައި ލީގު މެދުކަނޑާލަން ނިންމާފައިވާއިރު، އައިޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ބީސީސީއައިން އެއްވެސް ކުޅުންތެރިޔެއްގެ ސިއްހަތަށް ގެއްލުންވާނެ އެއްވެސް ކަމެއް މެދުވެރިވާން ބޭނުން ނުވާ ކަމަށެވެ.

އައިޕީއެލްއަށް މިވަގުތު ކުރިމަތިވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި، އެ ހާލަތުން އަރައިގަތުމަށް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށްވެސް ލީގުގެ ބަޔާނުގައިވެއެވެ.

އިންޑިއާގައި ދަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. މިހާތަނަށް އިންޑިއާގައި 200 މިލިއަން މީހުން ކޮވިޑަށް ޕޮސިޓިވް ވެފައިވާއިރު، 222،000 މީހުން ވަނީ އެބަލީގައި އިންޑިއާއިން ވަނީ މަރުވެފައެވެ.