މި ސީޒަނަށްފަހު އޭއެސް ރޯމާގެ ކޯޗު ކަމުގެ މަގާމާ ހަވާލުވުމަށް ޖޯސޭ މޮރީނިއޯއާއެކު އެއްބަސްވުމަކަށް އައިސްފިއެވެ.
އިޓަލިއަން ސެރެއާ އޭގެ ކްލަބު ރޯމާގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވާނެކަން ކްލަބުން މިއަދު ވަނީ އިއުލާންވެސް ކޮށްފައެވެ. މިހާރު ކްލަބާ ހަވާލުވެ ހުރި ކޯޗު، އުމުރުން 58 އަހަރުގެ ޕައުލޯ ފޮންސެކާ މި ސީޒަނަށްފަހު ކްލަބު ދޫކޮށް ދާނެ ކަމަށްވެސް މީޑިއާތަކުން ވަނީ ޔަގީން ކޮށްދީފައެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފައިވާ އިރު، ރޯމާއާއެކު އޭނާ ވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
އެއްބަސްވުމާ ގުޅޭގޮތުން މޮރީނިއޯ ބުނީ ރޯމާއަށް ކޯޗުކަން ކޮށްދިނުމަށް އެންމެ ބޮޑަށް ބޭނުންވީ ސަޕޯޓަރުންގެ ރޫހު ފެނިފައި ކަމަށެވެ. އަދި ރޯމާގެ ވެރިންނާ މިހާރުވެސް ބައްދަލުވެފައިވާ ކަމަށާއި ކްލަބުގެ ކުރިމަގަށް ވެރިން ދެކޭ އުންމީދުތައް ވަރަށް ސާފު ކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޗެލްސީއާއި ރެއާލް މެޑްރިޑް އަދި ޕޯޓޯއާއެކުވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މޮރީނިއޯ އިޓަލީ ލީގުގައި އިންޓައާއެކުވެސް ވަނީ ތާރީހީ ކާމިޔާބީއެއް ހޯދައިފައެވެ. ދެ އަހަރު ދުވަހުން އިންޓައަށް ހަތަރު ތަށި ހޯދައިދިނުމުގައި މޮރީނިއޯގެ ދައުރު އޮތް އިރު، 2009-10 ވަނަ އަހަރުގެ ސީޒަންގައި އިންޓައާއެކު މޮރީނިއޯ ވަނީ ޓްރެބަލް ކާމިޔާބު ކޮށްފައެވެ.
ފަހުން އިނގިރޭސި ލީގަށް އެނބުރި ގޮސް މޮރީނިއޯއަށް ޗެލްސީއާއެކު ލީގު ހޯދުނު ނަމަވެސް އެ ކާމިޔާބީތައް އެހެން ކްލަބުތަކާއެކު ތަކުރާރު ކުރުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. ޓޮޓެންހަމްގައި ހޭދަކުރި 17 މަސް ދުވަހުގައި މޮރީނިއޯއަށް ތައްޓެއް ހޯދިފައެއް ނުވެއެވެ. ސީޒަންގައި ސްޕާސްއާއެކު މޮރީނިއޯއަށް ވަނީ ދިހަ ބައްޔާ ކުރިމަތިލާން ޖެހިފައެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ