ދުނިޔެ

އިންޑިއާގެ ކޮވިޑު ހާލަތަށް ހަޖޫ ޖަހައި، ޗައިނާއިން ކުރި ޕޯސްޓަކަށް ނުރުހުން

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެބަލީގައި އެތައް ބަޔަކު މަރުވަމުންދާ ދަނޑިވަޅެއްގައި، ޗައިނާ އިން އެކަމަށް ސޯޝަލް މީޑިއާގައި ހަޖޫ ޖެހި މައްސަލައެއް ބޮޑުވެއްޖެއެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި އެފަދަ ޕޯސްޓެއް ކޮށްފައި ވަނީ ކޮމިއުނިސްޓް ޕާޓީގެ ކޯޓުތަކާއި ފުލުހުން ކޮންޓްރޯލް ކުރާ ސެންޓްރަލް ޕޮލިޓިކަލް އެންޑް ލީގަލް އެފެއާޒް ކޮމިޝަނަށް ނިސްބަތްވާ އެކައުންޓަކުންނެވެ.

އެ ޕޯސްޓުގައި ފެންނަނީ ޗައިނާ އިން މިފަހުން ޖައްވަށް ފޮނުވާލި ރޮކެޓުގެ ފޮޓޯއަކާއި އިންޑިއާގައި ކޮވިޑު ޖެހިގެން މަރުވާ މީހުން އަންދާ ފޮޓޯއެކެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި އިނީ "ލައިޓިން އަ ފަޔާ އިން ޗައިނާ ވާސަސް ލައިޓިން އަ ފަޔާ އިން އިންޑިއާ" އެވެ.

މި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ހާއްސަކޮށް ޗައިނާގެ ރައްޔިތުންގެ ވަނީ އެގައުމުގެ ސަރުކާރުގެ ފަރާތުން އިންޑިއާއަށް ކުރިމަތިވެފައިވާ މިފަދަ ހާލަތެއްގައި ހަމްދަރުދީ ނުވުމުން ނުރުހުން ފާޅުކޮށްފައެވެ.

ނަމަވެސް މިއީ އިންޑިއާގެ ހާލަތަށް ޗައިނާ އިން ހަޖޫ ޖެހި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ހުކުރު ދުވަހު ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގެ ވެއިބޯ އެކައުންޓުންވެސް ވަނީ މިފަދަ ޕޯސްޓެއް ކޮށްފައެވެ.

ގާތްގަނޑަކަށް 31 މިލިއަން މީހުން ފޮލޯ ކުރާ އެ އެކައުންޓުން ކުރި ޕޯސްޓެއްގައި އިނީ ކޮވިޑް ފެތުރެން ފެށި ވުހާންގެ އެމަޖެންސީ ހޮސްޕިޓަލެއްގެ ފޮޓޯއަކާއި އިންޑިއާގައި ކޮވިޑު ޖެހިގެން މަރުވާ މީހުން އަންދާ ފޮޓޯއެއް އަޅުވާ ކިޔައިފައެވެ. އެ ޕޯސްޓުވެސް ފަހުން ވަނީ ނަގައިފައެވެ.

މި ޕޯސްޓު ކުރި ދުވަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މެސެޖެއް ފޮނުއްވައި, ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ޗައިނާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓްރީންވެސް ދަނީ އިންޑިއާއަށް މިވަގުތު ބޭނުންވާ ސިއްހީ އާލާތްތައް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ.