ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ

ކުލަގަދަ ހަރަކާތްތަކަކާއެކު ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ ފަށައިފި

ފަހުގެ ތާރީހެއްގައި ރ. މަޑުއްވަރީގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ ކުލަގަދަ ހަރަކާތްތަކާއެކު ރޭ ފަށައިފިއެވެ.

މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ ކުރިއަށްދިޔަ ފެށުމުގެ ރަސްމިއްޔާތުގައި ނެށުމުގެ ހަރަކާތްތަކާއެކު ހާއްސަ އިވެންޓެއް ކުރިއަށް ގެންގޮސްފައިވާ އިރު، މުބާރާތް ޝަރަފުވެރިކޮށްދެއްވީ މަޑުއްވަރީގެ ކުޅިވަރު ލެޖެންޑެއް ކަށްވާ ޝަބްނަމްގޭ އަބްދުލް ރަޝީދެވެ. ފެށުމުގެ ރަސްމިއްޔާތަށް އިތުރު މެހެމާނެއް ގެންދަން އިންތިޒާމު ކުރާ ފަރާތުން ހަމަޖައްސާފައިވީ ނަމަވެސް، މޫސުން ތަން ނުދިނުމުގެ ސަބަބުން އެފަރާތަށް ފެށުމުގެ ރައްމިއްޔާތުގައި ބައިވެރިވެވިފައެއް ނުވެއެވެ.

މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ރޭ ވަނީ މުބާރާތުގައި ދެ މެޗު ކުޅެފައެވެ.

ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެފްސީ ޔުނައިޓެޑާއި އެފްސީ ރުއްގަނޑު ވާދަކުރި މެޗު، 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ޔުނައިޓެޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެފްސީ ޔުނައިޓެޑުގެ މުހައްމަދު ޖުމާނެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުވެސް ރޭ ކުޅެފައިވާ އިރު، އެ މެޗުގައި ވާދަކުރީ ވިދާބަބުޅާއާއި ޓީމް ވާލުއެވެ. މެޗުގައި ވާލުން ވިދާބަބުޅާ ކޮޅަށް 14 ގޯލް ޖަހާފައިވާ އިރު، މެޗުން ވާލު މޮޅުވީ ތަފާތު ބޮޑުކޮށް، 14-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވާލުގެ އައިހަމް މުހައްމަދެވެ.

ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ ކުޅުން ރޭ ފަށާފައިވާ އިރު، ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށްވެސް ފައިސާގެ އިނާމު ހުށަހެޅިފައިވާ އިރު، މުބާރާތުގެ ގުރޫޕު ސްޓޭޖު މެޗުތަކަށްފަހު ކުޅެން ހަމަޖެހިފައިވަނީ ސެމީ ފައިނަލް މެޗުތަކެވެ.

ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕު އޭގެ އެއްވަނަ ޓީމާއި ގުރޫޕު ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕު އޭގެ ދެވަނަ ޓީމު ކުޅޭ އިރު، މުބާރާތް ކުރިއަށް ގެންދިއުމުގައި އެޗްޕީއޭގެ އުސޫލުތަކާއި މިންގަނޑުތަކަށް ސަމާލުކަން ދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.