މިނިސްޓާ އޮފް ހެލްތުގެ ނައިބު ކަމުގެ މަގާމުން، ޝިޔާމާ މުހައްމަދު އާއި ނިޝާމާ މުހައްމަދު ވަކިކޮށްފިއެވެ.
ޝިޔާމާ އާއި ނިޝާމާ މަގާމުން ވަކިކޮށްފައި މިވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ހަވާލުކުރުމުގައި ކޮރަފްޝަން ހިމެނޭ މައްސަލައާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑް ކޮށްފައި ބޭތިއްބުމަށްފަހުގައެވެ. މުސާރަ ލިބޭ ގޮތަށް އެ މީހުން ސަސްޕެންޑް ކޮށްފައި ތިބީ 17 އޮގަސްޓް 2020ގައެވެ.
ވެންޓިލޭޓަރު މައްސަލަ ތަހުގީގުކޮށް އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން އެ މިނިސްޓްރީގެ އިސް 11 ފަރާތަކަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވި އިރު، އެމީހުންގެ ތެރޭގައި ޝިޔާމާ އާއި ނިޝާމާ ހިނެއެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 75 ވެންޓިލޭޓަރު ގެނައުމަށް 34 މިލިއަން ރުފިޔާގެ އަގަކަށް އެއްބަސްވެ ބޭންކު ގެރެންޓީއެއް ނެތި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް އެޑްވާންސްކޮށް ސަރުކާރުން ވަނީ 30.9 މިލިއަން ރުފިޔާ ދައްކައިފައެވެ. ނަމަވެސް 2 އޭޕްރީލް 2020 ގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ.
އެ މައްސަލައިގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުން މިހާރު ބާތިލު ކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ބުނެފައެވެ. އަދި އެކަމުގައި އެކުންފުންޏަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް އާބިޓްރޭޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު