ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމާގުޅޭ ގޮތުން މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމާގުޅޭ ގޮތުން މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއެކު އެއްބަސްވުމެއް އެކުލަވައިލީ ދޭއް އޭޕްރީލް 2020 ގައެވެ.

އެ އެއްބަސްވުމުގެ ދަށުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ފޮނުވަން ޖެހެއެވެ. ނަމަވެސް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ.

އެ ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އެ އަގުގެ 90 ޕަސެންޓަށް ވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ދެއްކި މައްސަލައިގައި ކޮރަޕްޝަން ހިމެނޭތީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ވަނީ ތަހުގީގު ކޮށްފައެވެ. އެކަމާގުޅިގެން އޭރު ހުންނެވި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އަމިއްލައަށް މަސައްކަތުން ދުރުވެ ވަޑައިގެން ހުންނެވުމަށްފަހު، ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް އޭރުގެ މިނިސްޓަރު އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

ވެންޓިލޭޓަރުގެ އެއްބަސްވުން ބާތިލުކުރިކަން ހާމަކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެކަމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭން ވާނެ ކަމުގައި ބަޔާންކޮށްފައި ވީ ނަމަވެސް އެއްބަސްވުމުގައި ވާގޮތަށް އެ ކުންފުނިން މުދާ ފޮނުވާފައި ނުވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ކުންފުނިން މުދާ ފޯރުކޮށް ނުދީފި ނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެކަމަށް އެއްބަސްވުމުގައި ބުނެފައިވާއިރު ވެސް، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން މިމަހުގެ ދެވަނަ ދުވަހު ހެލްތު މިނިސްޓްރީން އެ ކުންފުންޏަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައި ނުވާ ނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހައިތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭން ވާނެ ކަމަށް ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށާއި، މިގޮތުން، އެ ކުންފުނިން ފޯރުކޮށްދީފައި ނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާ އާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށް ކަމަށް އެ އެއްބަސްވުމުގައި ބުނާތީ، އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެއަށް ވެފައި، އެކަމާ ބެހޭ ގޮތުން އަމަލުކުރެވޭނީ ރާއްޖޭގެ ގާނޫނަށް ކަމަށްވެސް ބުނެފައިވެއެވެ.

އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ކަމަށާއި، އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ އެއް އާބިޓްރޭޓަރު ކަމަށާއި، މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައި ވަނި ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އޭޖީ އޮފީހުން ބުނީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީ ވެފައިވާ ކުންފުންޏެއް ކަމަށްވާތީ، ރާއްޖެ އާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މި މައްސަލައަކީ "އިންޓަނޭޝަނަލް އާބިޓްރޭޝަން" ގެ މައްސަލައެއް ކަމަށެވެ.

"ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް" (ނިއުޔޯކް ކޮންވެންޝަން) ގެ ބައިވެރިންނެވެ. އެ މުއާހަދާގައި 168 ގައުމަކުން ބައިވެރިވެފައިވެއެވެ. އެއިން ކޮންމެ ގައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުއާހަދާގެ އެހެން މެންބަރު ގައުމެއްގައި ތަންފީޒު ކުރެވެއެވެ.،" އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.