ކުޅިވަރު

މިފަހަރު ފުރުސަތު ނަގައެއް ނުލާނަން، ސިޓީ އޮތީ ތައްޔާރަށް!

1

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީން ޕީއެސްޖީއާ ދެކޮޅަށް މިރޭ ނުކުންނާނީ ކްލަބު ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލަށް ދިޔުމުގެ ފުރުސަތު ބޭނުން ހިފުމަށް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ބާސެލޯނާއާއެކު ދެ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންސްކަން ހޯދާފައިވާ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗު ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވިއިރުވެސް އެންމެ ބޮޑު ޓާގެޓަކީ ޔޫރަޕްގެ މުބާރާތްތަކެވެ. މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތިންވަނަ ފަހަރަށް ލީގު ހޯދުމާ ގާތުގައި ސިޓީ އޮތްއިރު، ގާޑިއޯލާއަށް އަމާޒުވާ ހަމައެކަނި ފާޑު ކިޔުމަކީވެސް ސިޓީއަށް ޗެމްޕިއަންސް ލީގުގައި އެންމެ އެދެވޭ ނަތީޖާއެއް ނުހޯދޭ ކަމަށް ބުނެ އަމާޒުވާ ފާޑު ކިޔުމެވެ.

ޕެރިސްގައި ކުޅުނު ފުރަތަމަ ލެގުގައި ދެވަނަ ހާފްގައި ނަތީޖާ އަނބުރާލައި ސިޓީން އަވޭ މެޗު 2-1 އިން ކާމިޔާބު ކޮށްފައި އޮތްއިރު، އެ މެޗުގައި ސިޓީގެ ހަގީގީ ފެންވަރު ފެނިފައި ވަނީ ދެވަނަ ހާފްގައި ކަމަށް ގާޑިއޯލާވެސް ވަނީ ފާހަގަކޮށްފައެވެ.

ސިޓީގެ ތާރީހުގައި ޗެމްޕިއަންސް ލީގެއްގެ ސެމީއަށް ފުރަތަމަ ފަހަރަށް ދިޔުމަށް ޓީމު ތައްޔާރަށް އޮތް ކަމަށް ގާޑިއޯލާ ބުނެފައިވާއިރު، އޭނާ ބުނެފައި ވަނީ އުންމީދު ކުރާނީވެސް އުނދަގޫ މެޗަކަށް ކަމަށެވެ.

"މި ފުރުސަތު ނަގާލާކަށް ބޭނުމެއް ނޫން. އަހަންނަށް ޔަގީންކަން އެބައޮތް ސިޓީން ރަނގަޅު މެޗެއް ކުޅޭނެ ކަމަށް. އުނދަގޫ ހާލަތްތައް އަންނާނެ. ޓަފް މެޗަކަށް މި އުންމީދު ކުރަނީވެސް. މެންޓަލީވެސް މެޗު އުނދަގޫވާނެ. މާ ބޮޑަށް މެޗުން ތަފާތު ދައްކަން ޑިމާންޑެއް ނުކުރާނަން. ޕީއެސްޖީއާ އެއް ފެންވަރެއްގެ ޓީމުތަކާ ދެކޮޅަށް ޕްރިމިއާ ލީގުގައިވެސް ވާނީ ގިނަ މެޗުތަކެއް ކުޅެފަ. އެހެންވީމާ ހަމަ އެކަހަލަ ވަރުގަދަ ކުޅުމަކުން ޕީއެސްޖީ ކަޓުވާލެވޭނެ،" ގާޑިއޯލާ ބުނެފައިވެއެވެ.

ގާޑިއޯލާ ބުނެފައި ވަނީ ޕީއެސްޖީއާ ދެކޮޅަށް ފްރާންސްގައި ކުޅުނު މެޗުގެ ފަހު ހާފްގައި ސިޓީ ކުޅުނު ވަރުގަދަ ކުޅުން މުޅި މެޗުގައި ކުޅެވޭނެ ކަމަށް އުންމީދު ނުކުރާނެ ކަމަށާއި، އެހެން ނަމަވެސް އަބަދުވެސް ބަލާނީ ހަލުވި ކުޅުމެއް ކުޅުވުމަށް ކަމަށެވެ.

ޕީއެސްޖީން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ކުޅެފައިވާއިރު، އެޓީމުގެ ވެރިންގެ އެންމެ ބޮޑު ޓާގެޓަކީވެސް ހަމަ ޗެމްޕިއަންސް ލީގެވެ. ފައިސާގެ ގޮތުން މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެޓީމުގެ ކުރިމަތިލުން ވެގެންދާނީ ސީޒަންގެ އެންމެ ވަރުގަދަ އެއް މެޗަށެވެ.