ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން އެހެން ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް ލަސްވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ތުހުމަތު ކޮށްފައިވަނިކޮށެވެ.
އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މަދަނީ އިޖުރާއަތުގެ ބިލަކީ ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލުގެ މަސައްކަތް ޖުޑީޝަރީ ކޮމިޓީން ކުރިއަށްގެންދާ އިރު، އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ދެމުންގޮސްފައިވާނެ ކަމަށެވެ.
"އަދި ކުރިއަށް އޮތްތާނގައިވެސް، އެ ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮމިޓީތަކަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ،" އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމި، މަޖިލީހަށް ބިލު ބަލައިގަނެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
އޭޖީ އޮފީހުން ބުނީ، މަދަނީ އިޖުރާއަތުގެ ބިލަކީ 2019 ވަނަ އަހަރު ސަރުކާރުން އިއުލާނުކުރި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނުނު މުހިންމު ބިލުތަކުގެ ތެރެއިން އެއް ބިލު ކަމަށެވެ. އެ ބިލު އެކުލަވާލުމުގެ މަސައްކަތް އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ފަށާފައިވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އައްޔަންކުރި އިންޓަނޭޝަނަލް ކޮންސަލްޓަންޓެއް މެދުވެރިކޮށް ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
"އެގޮތުން ކޮންސަލްޓަންޓް އެކުލަވާލި ބިލުގެ އިނގިރޭސި ދެލިކޮޕީގެ އެންމެ ފަހުގެ ކޮޕީ މި އޮފީހަށް ހުށަހެޅުނީ، އެ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށްވީނަމަވެސް، އެ ބިލުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ އަހަރު ގަސްދުކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް އެ ބިލު ހުށަހެޅުމަށްޓަކައި، އެ ބިލުގެ އިނގިރޭސި ޑްރާފްޓަށް ބިނާކޮށް، ބިލުގެ ދިވެހި ދެލިކޮޕީއެއް އެކުލަވާލުމުގެ މަސައްކަތް މި އޮފީހުން ވަނީ ކުރިއަށްގެންގޮސްފައެވެ. އެހާތަނަށް މަޖިލީހުގެ އެ ދައުރުގައި ދެން ބާކީ އޮތީ ދެ ހަފުތާއެއްހާ ދުވަސްކަމުން، އެ މަސައްކަތް ފުރިހަމަކުރަން ޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމުމުގެ ކުރިން އެ ބިލު އެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ނިންމައި، އެ ބިލު އެ އަހަރުގެ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީއެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަން ޖެހުނު މަސައްކަތެއް ކަން ފާހަގަކޮށް އޭޖީ އޮފީހުން ބުނީ، އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބިލު އަލުން މުރާޖައާކޮށް ފުރިހަމަކުރުމުގެ މަސައްކަތް، ޖުޑީޝަރީ ކޮމިޓީއާ ގުޅިގެން އެ އޮފީހުން މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.
ގާތްގަނޑަކަށް ތިންސަތޭކައެއްހާ ސަފުހާގެ އެ ބިލު ކޮމިޓީން ދިރާސާކުރުމުގެ މަސައްކަތަށް ހުރަހަކަށްނުވާނެ އުސޫލުން، ކުރިއަށްގެންދިއުމަށް ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖައާކޮށް، ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ، އެ ބައިތައް އިސްލާހުކުރުމަށްފަހުގައި ކޮމިޓީއާ ހިއްސާކުރަން ނިންމި ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ. ނަމަވެސް، އެފަދައިން ބިލުގެ އެކި ބައިތައް ވަކިވަކިން ކުރިއަށްގެންދިޔުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމުގައި ކޮމިޓީން ފާހަގަކުރުމުން، އެ ބިލު އެކުގައި މުރާޖައާކޮށް، މުޅި ބިލުގެ އިސްލާހުކޮށްފައިވާ ދެލިކޮޕީއެއް، ޖުޑީޝަރީ ކޮމިޓީއާ ހިއްސާކުރުމަށް އެ އޮފީހުން ނިންމިއެވެ.
"އެ މަސައްކަތް މުޅިން ނިމި، އިސްލާހުކުރެވުނު ބިލު މި އޮފީހުން ކޮމިޓީއަށް ފޮނުވީ، 4 ނޮވެމްބަރު 2020 ގައެވެ. އޭގެ ފަހުން، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށްގެންދެވުމުގައި އެހީއެއްގެ ގޮތުގައި ބޭނުންކުރެއްވޭނެ ބިލުގެ ހުލާސާ އެއްވެސް މި އޮފީހުން ވަނީ އެކުލަވާލައި، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތްތައް މަޖިލީހުން ކުރިއަށް ނުގެންދާތީ ސަރުކާރުން ރޭ ވަނީ ކަންބޮޑުވުން ފާާޅުކޮށްފައެވެ. އެއާއެކު އެ ކޮމެޓީން މިއަދު ބުނެފައިވަނީ ބިލުގެ މަސައްކަތް ލަސްވެފައިވަނީ އޭޖީގެ ސަބަބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު