މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ ރާއްޖޭގައި ކޭސްތައް އިތުރުވުމާ ގުޅިގެން ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކިންޑަގާޑެން އިން ފެށިގެން ގްރޭޑް 12އާ ހަމައަށް އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް ކުރިއަށްދާނީ އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭލެވެލް އަދި އޯލެވެލް އިމްތިހާނުތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށާއި އެ އިމްތިހާނުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

އެލްކޭޖީން ފެށިގެން ގުރޭޑް 6 ގެ ދަރިވަރުންގެ ކުލާސްތައް މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަދި ގުރޭޑް 7 އިން 12ގެ ދަރިވަރުން ކިޔަވަމުން އައީ ސްކޫލަށް ހާޒިރުވެގެންނެވެ. ނަމަވެސް ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެން ލުއިދީ، ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށްވެސް ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭ ގޮތަށް ފަހުން ބަދަލު ގެނައެވެ.