ދުނިޔެ

ޗައިނާ އިން އިންޑޮނޭޝިއާގައި ހަދާ ޑޭމްއެއްގެ ކައިރިން ބިންގަނޑު ކަނޑައިގެން ގޮސް ތިން މަރު

ޗައިނާ އިން ފަންޑު ކޮށްގެން އިންޑޮނޭޝިއާގެ ސުމަޓްރާގައި ހަދަމުންދާ ހައިޑްރޯއިލެކްޓްރިކް ޑޭމްއެއް ކައިރިން ބިންގަނޑު ކަނޑައިގެން ގޮސް ތިން މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން 1.5 ބިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަކީ ތިމާވެއްޓަށް މަސައްކަތް ކުރަމުންދާ ގުރޫޕުތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ޕްރޮޖެކްޓެކެވެ. އެއީ އެ ޑޭމް ހަދަމުންދަނީ ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ އޮރެންގުޓަން އާއިލާގެ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ރާމާމަކުނުތަ ކެއް އުޅެމުންދާ ސަރަހައްދެއްގައި ކަމަށްވާތީއެވެ. އަދި އެކަމާ ގުޅިގެން މީގެ ކުރިން ބޮޑެތި މުޒާހަރާތަކެއްވެސް ކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ އެޖެންސީން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ސުމަޓްރާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި އެ ހާދިސާގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާކަން ކަށަވަރުވީ ނަމަވެސް، އިތުރު ބަޔަކު ގެއްލިފައިވާ ކަމަށެވެ. އަދި ގެއްލިފައި ވަނީ ސީދާ ކިތައް މީހުންކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެ ޕްރޮޖެކްޓުގެ ޑިވެލޮޕަރު ޕީޓީ ނޯޓް ސުމަޓްރާ ހައިޑްރޯ އެނާޖީން ބުނީ، ހާދިސާގައި އެ ޕްރޮޖެކްޓު ހަވާލު ކޮށްފައިވާ ޗައިނާ ސަރުކާރުގެ ސައިނޯހައިޑްރާ ކުންފުނީގެ ދެ މުވައްޒަފަކު ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާގެ ރައްޔިތަކުވެސް ހިމެނެއެވެ.

މި ޕްރޮޖެކްޓަކީ އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓެކެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ހެދި ޕްރޮޖެކްޓު ނިމޭނެ ކަމަށް މިހާރު ލަފާކޮށްފައިވަނީ 2025 ވަނަ އަހަރަށެވެ.