ޚަބަރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 67 މިލިއަން ރުފިޔާ

އަލީ ޔާމިން

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 67.67 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން މިއަދު އާންމު ކުރި އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެކުންފުނިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 423.14 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުނިން ކުރީ 353.53 މިލިއަން ރުފިޔާގެ ވިޔަފާރިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 72.55 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަަހަރުގެ އެ މުއްދަތުގައި ލިބުނު އާންދަނީއާ އަޅާ ބަލާއިރު 16.40 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނީ 61.67 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 52.98 މިލިއަން ރުފިޔާއެވެ. މި ނަތީޖާއާއެކު އެކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ވަނީ 7.67 ރުފިޔާއަށް އަރައިފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 77 މަޝްރޫއެއްގެ މަސައްކަތްކޮށް، ފަސް މަޝްރޫއުއެއްގެ މަސައްކަތް ނިންމާލައިފައެވެ. އަދި 15 މަޝްރޫއުއެއްގެ މަސައްކަތް ވަނީ ފަށައިފައެވެ.

މިދިޔަ 40 އަހަރުގެ ތެރޭގައި އެމްޓީސީސީއަށް މާލީ ގޮތުން ރެކޯޑު އަދަދަކަށް ފައިދާ ވެފައިވަނީ މިދިޔަ އަހަރެވެ. އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 190.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ ފައިދާއާއެކު އެމްޓީސީސީން ވަނީ މިއަހަރު ހިއްސާއަކަށް ތިން ރުފިޔާ ބަހަން ނިންމައިފައެވެ.