ރިޕޯޓް

ކުޑަކުޑަ ނުހައިކުގެ މަރު: ފާހަގަވީ އާދައިގެ ރޯގާއެއް! ކެންސަރުކަން އެނގުނީ ވަގުތު ފާއިތުވީ ފަހުން!

ރިފާ ހަލީލު

ޖެހުނީ އާދައިގެ ރޯގާއެކެވެ. އެކަމަކު މި ރޯގާ އަކީ ފުރާނައާ ހަނގުރާމަ ކުރާނެ ވަރުގެ ރޯގާއެއް ކަންވެސް އެނގުނީ މީގެ ތިން މަސްދުވަސް ކުރިންނެވެ. މިއީ މިދިޔަ ހޯމަ ދުވަހު މި ދުނިޔެއާ އަލްވަދާއު ކީ އުމުރުން އެންމެ 11 އަހަރުގެ ނުހައިކް ބިން މުހައްމަދު ރިޔާޒްގެ ބަލި ދެނެގަނެވުނު ގޮތެވެ.

އާއިލާގެ ފަރާތުން ނުހައިކުގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ރަފްހާން "ވަން" އަށް ބުނީ ނުހައިކަކީ އުފަން ވީއްސުރެ ވެސް ވާހަކަ ދެއްކުމާއި އަޑު އިވުމުގައި އުނިކަން ހުރި ކުއްޖެއް ކަމަށެވެ. އެކަމަކު ގަވާއިދުން ޑޮކްޓަރަށް ދައްކައި ހޯދަން ޖެހޭ ފަރުވާތައް އާއިލާއިން ހޯދަމުން ދިޔައެވެ. ނަމަވެސް މި ބައްޔަށްވުރެ މާ ބޮޑު ބައްޔެއް ނުހައިކަށް ތަހައްމަލު ކުރަން ޖެހުނީ، އާދައިގެ އަރިދަފުސް ރޯގާއެއް ޖެހުމަށްފަހު ކަމަށް ރަފްހާން ބުންޏެވެ.

ރަފްހާން ބުނިގޮތުން މީގެ ހަ މަސްދުވަސް ކުރިން ނުހައިކުގެ ނޭފަތުން ފެން އައިސް އުދަނގޫތަކެއް ވާ ކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަމަށް ޑޮކްޓަރަށްވެސް ދެއްކި ކަމަށާއި އެންމެންވެސް ދިނީ އެއް ޖަވާބެއް ކަމަށެވެ. އެ ދުވަސްވަރަކީ މާލޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރުނު ދުވަސްވަރަށް ވުމުން ޑޮކްޓަރަށް ދައްކަން ޖެހުނީ އޮންލައިންކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

އެތައް ޑޮކްޓަރަކަށް ދައްކައިގެންވެސް ރަނގަޅު ނުވުމުން ކަރުން މަތީގެ ޑޮކްޓަރަކަށް ދެއްކި ކަމަށާއި އެ ދުވަހު އަނގައިގެ މަތީ ތަލީގައި ތަންކޮޅެއް ދުޅަވެފައި ހުރި ކަމަށް ޑޮކްޓަރު ބުނި ކަމަށް ބުންޏެވެ.

"ކޮއްކޮ އަކީ ވާހަކަ ނުދެއްކޭ ކުއްޖެއް. އެކަމަކު އެ އުޅޭ އުޅުމުގައި ތަނަކަށް ތަދުވޭހޭ ކޮންތާކަށްހޭ ތަދުވަނީ ބުނީމަ އަތްލާފަ އެތަނެއް ދައްކާނެ. އެދުވަސްކޮޅު ވެސް މިހެން އުޅުނު އިރު ކޮއްކޮ އަށް އުދަނގޫވާހެން ހީވި. އުޅޭ އުޅުމުން ފާހަގަވި. ދެން މަންމަ ބުނީ އެއް ދުވަހު ކޮއްކޮގެ ކަރު ހުންނަ ވަރަށް ވުރެ ބޮޑުހެން ހީވެޔޭ. އެހެން ކިޔާފަ ކަރުން މަތީގެ މީހަކަށް ދެއްކި. ދެއްކީމަ ބުނީ މަތީ ތަލީގަ އެއްޗެއް ނަގާފަ ދުޅަވެފަ ހުރި ވާހަކަ. އަދި އޮޕަރޭޝަނަކަށް ދާ ވާހަކަ." އޭނާ ބުންޏެވެ.

ރާއްޖެއިން އޮޕަރޭޝަން ކުރުމުގެ ބަދަލުގައި އިތުރު ކަމެއް ހުރިތޯ ބެލުމަށް ނުހައިކު ގޮވައިގެން އިންޑިއާ އަށް ދިޔަ ކަމަށާއި އިންޑިއާއަށް ގޮސް ހެދި ޓެސްޓުތަކުން ކޮއްކޮއަށް ކެންސަރު ޖެހިފައިވާ ކަން އެނގުނު ކަމަށްވެސް ރަފްހާން ބުންޏެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ކެންސަރުގެ ބާވަތެއް ކަމަށާއި ވީހާވެސް އަވަހަކަށް ފަރުވާ ފަށަން ޑޮކްޓަރު ލަފާ ދިން ކަމަށްވެސް އޭނާ ބުންޏެވެ.

ތިން ކުދިން ތިބޭ މިއާއިލާގެ އެންމެ ކުޑައީ ނުހައިކެވެ. ނުހައިކަށް ކެންސަރު ޖެހުނު ނަމަވެސް އާއިލާއިން އުއްމީދު ކަނޑައެއް ނުލައެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ކީމޯ ތެރަޕީ ދޭން ފެށި ނަމަވެސް ފުރަތަމަ ޑޯޒްގެ ސަބަބުން ނުހައިކުގެ އަނގަޔާއި ކަރުތެރެ ފާރުވެ އިތުރަށް ހާލު ގޯސްވި އެވެ. އެކަމަކު އޭގެން ކެންސަރުގެ 50 ޕަސެންޓް ނައްތައިލެވުނެވެ.

"ކީމޯ ފެށުމުގެ ކުރިންވެސް ޑޮކްޓަރު ބުނި ކޮއްކޮގެ ކޭސްގަ ވަރަށް އުދަނގޫވާނެޔޭ. ކޮއްކޮއަށް ވާހަކަ ނުދެއްކޭތީ ތަދުވިޔަސް ތަދުވަނީ ކޮންތާކަށް ކަމެއް ބުނެ ނުދެވޭތީ. ދެން އެކަމަކުވެސް ފުރާނަ ސަލާމަތްކުރުމަށް ކީމޯގެ ފުރަތަމަ ޑޯޒް ދިނީ. އޭގެ ސައިޑް އިފެކްޓްސްތައް އަންނާނެ ކަމަށް ޑޮކްޓަރު ކުރިންވެސް ބުނި. އެކަމަކު ކޮއްކޮއަށް އެކައްޗެއްވެސް ނުކެވޭ. ދިޔާ އެއްޗހި ފުރަތަމަ ބޮވުުނު. އެކަަމަކު ފަހުން ނުބޮވޭ. ކަރުތެރެ ފާރުވެ މާ ބޮޑަށް ހޮޑުލެވި ހާލު ސީރިއަސްވީ." ނުހައިކްގެ ހާލު ސީރިއަސް ވި ގޮތް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

ރަފްހާން ބުނީ ކިމްސް ހޮސްޕިޓަލުގެ އައިސީޔޫގައި ތިން ހަފުތާ ވާންދެން ފަރުވާދިނުމަށްފަހު ހާލު އިތުރަށް ގޯސްވާން ފެށުމުން ވެންޓިލޭޓަރަށް ލި ކަމަށާއި އޭގެ ފަހުން ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ ކަމަށެވެ. އަދި މަޑު މަޑުން ހާލު ގޯސްވެ އެންމެ ފަހުން ޑޮކްޓަރުން މަންމަ އާއި ބައްޕަ އާއި ބައްދަލު ކުރުމަށްފަހު ކޮންމެ ވަގުތެއްގައިވެސް ކޮއްކޮ މަރުވެދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނުހައިކު މަރުވީ ޑޮކްޓަރުން އެހެން ބުނިތާ އެންމެ ދުވަހެއްގެ ތެރޭގަ އެވެ.

އާދައިގެ ރޯގާއަކުން ފެށުނު ހާލަތު ގޯސްވެ އެންމެ ފަހުން ކެންސަރުގެ މިހާ ސީރިއަސް ސްޓޭޖަކަށް ވެދާނެ ކަމަށް އެއްވެސް މީހަކަށް ހީވެފައެއް ނެތެވެ.