ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 33 ބިލެއް ފޮނުވާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އައި އިރު ފޮނުވާފައި ވަނީ އެންމެ ހަ ބިލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބުނެފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތައް ލަސްވުމަކީ ހަމަހަމަ ކާމައެކު އިންސާފު ހޯދައި ދިނުމަށް އެޅޭ ހުރަހެއް ކަމަށް ވިދާޅުވެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފު ރޭ ދެއްކެވި ވާހަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައ އެ ކޮމިޓީގެ މުގައްރިރު މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ސަރުކާރުން މަޖިލީހަަށް ބިލު ފޮނުވާ ވާހަކަދައްކާ އިރު، މި ދައުރުގައި މަޖިލީހަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި 33 ބިލުގެ ތެރެއިން މަޖިލީހަށް ފޮނުވީ އެންމެ ހަތް ބިލު ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ބިލުތަކަކީ، އަމަލު ކުރަމުންދާ ބައެއް ގާނޫނުތައް އުވާލަން ހުށަހަޅާފައިވާ ހަަތަރު ފޮޅުވަތުގެ ކުދި ކުދި ބިލު ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ބިލު ފޮނުވުން ލަސްވަމުންދާ އިރު ރައްޔިތުންގެ މަޖިލީހުން ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ސަރުކާރުން އެކަަމަށް ރުހުން ދީފައިނުވާ ކަމަށެވެ. މަޖިލީހަށް ފޮނުވާނެ ކަމަށް ވިދާޅުވެ ސަރުކާރުން ފޮނުވާފައި ނުވާ ބިލުތަކުގެ ތެރޭގައި ސަރުކާރާއި އެމްޑީޕީ އާއި މަޖިލިސް މެންބަރުންގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅުން ހުރި މުހިންމު ބިލުތަކެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އޭގެތެރޭގައި ހިމެނޭ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހެތްކާބެހޭ ބިލު ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިލު ހިމެނޭ އިރު، މި ނިމުނު ދައުރަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި މުހިންމު ބިލުތަކެއް ކަމަށް އިންތި ވިދާޅުވިއެވެ.

ސަރުކާރުން ބަދަލު ދިނުމުގައި ތަފާތު ކުރާ ކަމަށް ތުހުމަތުކޮށް އެކަމަށްވެސް އިންތި ވަނީ ފާޑުވިދާޅުވެފައެވެ. އިންތި ވިދާޅުވީ، ހަމަހަމަކަމާއެކު ބަދަލުދިނުމަށް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދޭ އިރުޝާދުތަކަށް ސަރުކާރުން އަޅާނުލާ މައްސަލަވެސް އިންތި ފާހަގަކުރެއްވިއެވެ. އެގޮތުން ޖަލަށް ހުކުމްކޮށް ހައްޔަރު ކޮށްފައިވާ ފަރާތްތަކަށް ކްލެމެންސީ ލިބުމުގައި ލަސްވާ މައްސަލަތަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން ސަރުކާރަށް ހުށަހެޅި ކަންތައްތަކަށްވެސް ސަރުކާރުން އަހައްމިއްޔަތުކަން ދީފައިނުވާ ކަމަށް އިންތި ވިދާޅުވިއެވެ.