ސުލްހަވެރި މުޒާހަރާތައް ރޫޅާލުމުގައި، ސިސްޓެމަޓިކް ކޮށް ހިންގާ ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކާއި، އެ ފަރާރްތަކަށް އަމުރުވެރިވާ ފަރާތްތަކުގެ މައްސަލަތައް ގައުމުގެ އަދުލުގެ ނިޒާމުގެ ތެރެއިން ނުބެލިއްޖެނަމަ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެންނެނެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވެފއިވާއިރު އެ މައްސަލަ ފުލުހުން ގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ތަހުގީގު ނިމެންދެން އެ އެއްވުން ރޫޅާލުމުގައި ބައިވެރިވި ފުލުހުން ވަނީ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ.

ގުޅިގެން މިހާރު ކުރަމުން އަންނަ ތަހުގީގުތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުންޏެވެ.

އެ ފުލުހުން މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ވަނީ، އެއްވުން ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ އަމުރުކުރައްވައިފައެވެ.

އެރޭގެ ހާދިސާއާ ގުޅިގެން އެންޓި-ޓޯޗާ ގާނޫނުގެ ދަށުން އެ މައްސަލަ ބަލަމުންދާނެ ކަމަށް އެޗްއާރުސީއެމުން ވެސް ބުނެފައިވާއިރު، އެއްވުން ރޫޅާލުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމު ވަނީ ހުށަހަޅުއްވައިފައެވެ.