ކުޅިވަރު

ބޮޑު ތަފާތަކުން އީގަލްސް ބަލިކޮށް، މާޒިޔާއިން އޭއެފްސީ ކަޕަށް ތައްޔާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި ކްލަބު އީގަލްސް ބަލިކޮށް، މާޒިޔާއިން އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިއެވެ.

ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން އީގަލްސްގެ މައްޗަށް ކުރިހޯދީ 4-0ގެ ނަތީޖާއަކުންނެވެ.

ލީގުގެ ދެވަނަ ބުރު ރޭ ނިމިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. މާޒިޔާ އަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އީގަލްސް މިވަގުތު އޮތީ 14 މެޗުން 17 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

އީގަލްސް އިން ރޭގެ މެޗަށް ނުކުތީ ސަސްޕެންޝަނުގައި ހުރި ކެޕްޓަން ހުސެއިން ސިފާއު (ކުރޯ) އާއި މިސްރު ފޯވާޑް މުހައްމަދު އުސާމް ނުލައެވެ. އޭގެ ފައިދާ މާޒިޔާއިން ފުރިހަމައަށް ނެގިތަންވެސް ފެނިގެން ގޮސްފައިވެއެވެ. މެޗުގައި މާޒިޔާގެ އެޓޭކް ލައިން ފެނުނީ ވަރަށް ރަނގަޅު ފޯމެއްގައި ކުޅުނުތަނެވެ.

ފުރަތަމަ ކޮޅުގައިވެސް ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ލިބުނު ފުރުސަތުގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ ނުރައްކާ ފާހަގަކޮށްލެވުނެވެ.

މެޗުގެ 24 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. އެގޯލް ކޯނަރަކުން ކާމިޔާބު ކޮށްދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ (ޓަކާ) އެވެ.

ފުރަތަމަ ހާފްގައި އީގަލްސްގެ ދެ ހަމަލާއެއްވެސް ފާހަގަވެގެން ދިޔައެވެ. ވެ. އެ ގޮތުން މެޗުގެ 31 ވަަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން އީގަލްސްގެ މިސްރު ޑިފެންޑަރު އެލްސައީދު މެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޖެހި ޝޮޓް ދިޔައި ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަހެއް މާޒިޔާ ކީޕަރު ހުސެއިން ޝަރީފަށް ރަނގަޅަށް އަތްނުލެވި ބޭރުވީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.

ހާފް ނިމުމަށް މިނެޓަކަށް ވެފައި ވަނިކޮށް މާޒިޔާއިން ލީޑު ފުޅާކުރިއެވެ. ފޭދޫ އިއްބެ ސީޒަންގައި ޖެހި ހަތަރުވަނަ ގޯލާއެކު މާޒިޔާއިން ދެ ގޯލްގެ ލީޑަކާއެކު ހާފް ނިންމާލާފައިވާއިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ހަމްޕުގެ ހިތްގައިމު ގޯލަކާއެކު މާޒިޔާއިން ތިންވަނަ ގޯލް ޖެހިއެވެ.

އަރިމަތިން އެތެރެއަށް ޖެހިލައި، އޭރިއާ ބޭރުން ފޮނުވާލި ބުލެޓް ޝޮޓް އޭނާ އަމާޒުކޮށްލީ ސީދާ ގޯލްގެ ކަނަށެވެ. މެޗުގެ 65 ވަނަ މިނިޓްގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ކޯނޭ އެވެ. ޕެނަލްޓީއަކީ އީގަލްސް އަހުމަދު ނޫމާން (ހެލްމެޓް) އޭރިއާތެރެއިން ފޭދޫ އިއްބެ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ލީގުގެ ތިން ވަނަ ބުރު ފަށާނީ ބޮޑު ބްރޭކަކަށް ފަހު އެވެ. އެއީ މިމަހު 14-21 އަށް މާލޭގައި ކުރިއަށްދާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ މެޗުތަކާއި މިމަހު 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ފަހުއެވެ. އެފްއޭއެމް އިން ކްލަބްތަކާ ހިއްސާކޮށްފައިވާ ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން ލީގުގެ ތިން ވަނަ ބުރު ފަށާނީ ޖޫން 21 ވަނަ ދުވަހު އެވެ.