މާލޭގައި ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަޅަން ޖެހޭ ކަމަށާއި ނޫނީ މާ ލަސްވެދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖޭގައި ކޮވިޑް ކޭސްތައް ރެކޯޑު އަދަދަކަށް މިއަދު މައްޗަށް ގޮސްފައިވާތީއެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށްރަށަށް ދަތުރު ކުރުން މަނާ ކުރުން އެއީ ކޯވިޑް ކޮންޓްރޯލު ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މާލޭގައި ވެސް ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަޅަން ޖެހޭ. ނޫނީ މާ ލަސްވެދާނެ،" މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލައްވައިފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ވަނީ 508 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން އެއް ފަހަރާ ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 30،745 އަށް ވަނީ އަރައިފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 400 އިން މައްޗަށް އެރުމަށްފަހު، މިއަދު މިވަނީ ފުރަތަމަ ފަހަރަށް 500 އިން މައްޗަށް އަރައިފައެވެ.