ޚަބަރު

ހިމަންދޫން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް

އއ. ހިމަންދޫން ކޮވިޑް ބަލީގެ އަލާމާތްތަކެއް ހުރި މީހަކު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ނެގި ސާމްޕަލް ޕޮޒިޓްވްވެ އެ ރަށް މޮނިޓަރިންނަށް ގެނެސްފިއެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ބުނީ، އެ ރަށުން ބަލިވެގެން ޑޮކްޓަރަށް ދައްކި މީހެއްގެ ސާމްޕަލް ނެގީ ރޭގައި ކަމަށާއި އަދި މިއަދު ނަތީޖާ ލިބުނު އިރު އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ރަށް ވަނީ މޮނިޓަރިންއަށް ލައިފައެވެ.

އެ ރަށުން މީގެ ކުރިން ވަނީ ހޯމް ކަރިންޓީނުގައި ހުރި ތިން މީހުންގެ އާއިލާއެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް މިއީ ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ހިމަންދޫން މީހަކު ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންނަށް ލާފައިވާ އިރު، އެ އަތޮޅުގެ އިތުރު ތިން ރަށެއް ވެސް މިވަގުތު އޮތީ މޮނިޓަރިންގައެވެ. އެއީ ބޮޑުފޮޅުދޫ އާއި މަތިވެރި އާއި އުކުޅަހެވެ. އެ ރަށްތައް މޮނިޓަރިންއަށް ލުމުގެ ކުރިން އޭގެތެރެއިން ބައެއް ރަށްރަށުން އެ ރަށަށް މީހުން އައިސް ގޮސްފައިވާ ކަމަށް ހިމަންދޫން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.

އަތޮޅުތެރޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، މިވަގުތު ވެސް 25 ރަށަކުން ކޮވިޑް ބަލި ފެނި އެ ރަށްތައް ވަނީ މޮނިޓަރިންއަށް ލައިފައެވެ. އަތޮޅުތެރޭގައި ބަލި ފެތުރުން ހުއްޓުވުމަށް، ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ފިޔަވައި، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އަންގައިފައެވެ.