ޚަބަރު

ރޭގެ މުޒާހަރާގައި ނޫސްވެރިންނަށް ދިން ހަމަލާ ތަހުގީގު ކުރުމަށް އެމްއެމްސީން ވެސް ގޮވާލައިފި

އަލީ ޔާމިން

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި އެއްވުން ކަވަރު ކުރުމުގައި ހަރަކާތްތެރި ވި ނޫސްވެރީންނަށް ބޭ އަދަބީ ބަހުރުވައިން މުހާތަބުކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާތީ، އެކަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރޭގެ މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރި ވި، ބައެއް ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅައި، ބޭއަދަބީ ބަހުން މުހާތަބުކޮށް ބާރުގެ ބޭނުންކޮށްފައިވާ ކަމުގެ ޝަކުވާ ނޫސްވެރިންނާއި މީޑިއާތަކުން އެމްއެމްސީއަށް ހުށަހެޅުމުން، އެ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ނޫސްވެރިން މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން، އިސްވެ ދެންނެވުނު އިހުތިޖާޖާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބަލައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާފައި ވާނަމަ އެކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މި ކައުންސިލުން ގޮވާލަމެވެ." އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ، ނޫސްވެރިންނަކީ މުޖުތަމައުގެ ތެރޭގައި އުޅޭ އުޅުމުގައްޔާއި ހާއްސަކޮށް މަސައްކަތުގެ ތެރޭގައި ވަކި މިންގަނޑެއް ހިފަހައްޓައި މުޅި މުޖުތަމައަށް ނަމޫނާ ދައްކަން ޖެހޭ ބައެއް ކަމަށާއި ނަމަވެސް، ރޭގެ އިހުތިޖާޖު ކަވަރުކުރުމުގެ ތެރެއިން ނޫސްވެރިންގެ ކިބައިންވެސް ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާއި ނުގުޅޭ ބޭ އަދަބީ އަމަދުލައް ފެނިގެން ގޮސްފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

ރޭގެ އިހުތިޖާޖުގެ ތެރެއިން ނޫސްވެރިންނަށް ހުރަސް އަޅައި ބޭއަދަބީ ބަހުން މުހާތަބުކޮށްފައިވާތީ އެމްއެމްސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ތަހުހީގުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައިފައެވެ.

ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ ރަނގަޅަށްތޯ ބަލައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަމުރުކުރައްވައިފައެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ވަނީ އެއްވުމުގެ ތެރެއިން ހިނގައިދިޔަ ހާދިސާގައި ޔޫޒް އޮފް ފޯސްގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމަށް ވިދާޅުވެފައެވެ.