ދެ ފަރާތުގެ ދެމެދުގައި ވެވޭ، އެއްބަސްވުންތަކުގައި ނަގަން ހިމަނާ ބޮޑެތި އަދަދުތަކުގެ ޖޫރިމަނާތައް ކޯޓުތަކުން ނަގައި ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އެޗްއެމްއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް މ. ސޯނަރީ/ އަހުމަދު ޖަނާހުގެ 33 ޕަސެންޓް ހިއްސާ 700،000 ޑޮލަރުގެ އަގަކަށް ހ. ކާމިނީ ޕޫން/ ހަސަން އަލިމަނިކަށް ވިއްކުމަށްޓަކައި އެ ދެ ފަރާތުގެ ދެމެދުގައި އެކުލަވާލި އެއްބަސްވުމުގައި ބުނާ މުއްދަތުގައި ފައިސާ ނުދައްކައި ލަސްވާ ކޮންމެ 10 ދުވަހަކަށް ނުދައްކާ ހުރި ފައިސާގެ 10 ޕަސެންޓް އިތުރަށް ދައްކަން ޖެހޭނެ ކަަމަށް ވެފައިވާ އެއްބަސްވުމުގެ މައްސަލައާ ގުޅިގެން ކުރި ހުކުމުގައެވެ.

ތަކެތި ވިއްކުމުގައި ހަދާ އެއްބަސްވުންތަކުގައި ކަނޑައަޅާ މުއްދަތަށް ފައިސާ ނުދައްކާނަމަ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ އަރަމުންދާ ގޮތަށް، އެ އެއްބައްވުންތައް އެކުލަވާލުމަކީ އާންމު ކަމެކެވެ. އަދި އެފަދަ މައްސަލަތަކުގައި ކޯޓުތަކަށް ދިއުމުންވެސް އެއްބައްވުމުގައި ހިމަނާފައިވާ ބޮޑެތި އަދަތުތައް އެއްކޮށް ޖޫރިމަނާގެ ގޮތުގައި ދެއްްކުމަށް ހުކުމް ކުރެއެވެ. ސުޕްރީމް ކޯޓުން ބެލި މައްސަލައިގައިވެސް، ދަށު ކޯޓުންނާއި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ އެގޮތަށެވެ.

އެ މައްސަލައިގައި ދެ ފަރާތުން އެއްބައްވެފައިވާ ގޮތަށް ހަސަން އަލިމަނިކު ފައިސާ ދައްކަމުން ނުދާތީ، އެ އެއްބަސްވުމުގެ ދަށުން 31 އޮކްޓޯބަރު 2016ގެ ނިޔަލަށް ހަސަން އަލިމަނިކު، އަހުމަދު ޖަނާހަށް ދައްކަންޖެހޭ 346،500 ޑޮލަރާއި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން އެ ދުވަހާ ހަމައަށް އިތުރަށް ދައްކަންޖެހޭ 5،262،600 މިލިއަން ޑޮލަރާއެކު ޖުމުލަ 5.6 މިލިއަން ޑޮލަރު ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެއްބަސްވުމުގައި ކަނަޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން އިތުރުވާ އަދަދާއެކު އެއް މިލިޔަން ޑޮލަރު ހަ މަސް ދުވަހުުގެ ތެރޭގައި ދެއްކުމަށް ހަސަން އަލިމަނިކުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުންވެސް ވަނީ އެއް މިލިއަން ޑޮލަރު (1،046،500.00) ދައްކަން ހަސަން އަލިމަނިކުގެ މައްޗަށް ހުކުމްކޮށްފައެވެ.

ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުމެއް ހަދާ އިރު، އެ އެއްބަސްވުމުގައި ބަޔާން ކުރާ ކަމަކާ ހިލާފުވުމުން ބަދަލުދައްކަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި އޮތް ނަމަވެސް އެ ފައިސާ ކޯޓުތަކުން ނަގައި ދޭނީ އެއީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ބަދަލު ނަގައިދޭ މާއްދާއެއް ކަމަށްވާނަމަ އަދި އެ ބަދަލަކީ ގެއްލުން ފޫބައްދަން އެކަށީގެންވާ މިންވަރުގެ ބަދަލަކަށްވާނަމަ ކަމަށެވެ.

ނަމަވެސް އެ ބަދަލަކީ އަނެއް ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ހިމަނާފައިވާ ޕެނަލްޓީ ކްލޯޒް މާއްދާއެއް ނަމަ، އެ ފައިސާ ކޯޓުތަކުން ނަގައި ނުދެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައިވާ ގޮތުން ޖޫރިމަނާ އަރާ ގޮތަށް އެއްބަސްވުންތަކުގައި ހިމަނާ މާއްދާތަކަކީ ޕެނަލްޓީ ކްލޯޒެއް ކަން ނުވަތަ ލިކުއިޑޭޓަޑް ޑެމޭޖަސް ނަގާ މާއްދާއެއްކަން ކޯޓުތަކަށް ދެނެގަނެވިދާނެ އެވެ. އެގޮތުން ޖޫރިމަނާ އަރާ ގޮތަށް އޮޮތް މާއްދާއަކީ އަސްލީ އިލްތިޒާމުން ބޭރުން އޮތް މާއްދާއެއް ކަމަށްވާނަމަ އަދި އެއީ ނުބައްދަލު ބުރައެއް ނުވަތަ އަދަބެއް ދިނުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ނަމަ، އެއީ ޕެނަލްޓީ ކްލޯޒެއް ކަމަށް ބެލެވޭނެ ކަމަށް އެ ހުކުމުގައިވެއެވެ.

ނަމަވެސް އެ މާއްދާއަކީ އެކަށީގެންވާ އަދަދެއް ނެގުމަށް ހިމަނާފައި އޮތް މާއްދާއެއްނަމަ އަދި އެއީ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ބާރު އަޅާ މާއްދާއެއް ނަމަ، އެއީ ޕެނަލްޓީ ކްލޯޒެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް ހުކުމުގައިވެ އެވެ.

އެ މައްސަލައިގައި ހިމެނޭ އެއްބަސްވުމުގައި އޮތީ ޕެނަލްޓީ ކްލޯޒްގެ މާއްދާއެއް ކަމަށްވާތީ ޖޫރިމަނާ ފައިސާ ދައްކަން ހުކުމް ނުކުރެވޭނެ ކަމަށާއި އޭގެ ބަދަލުގައި ދައްކަން ޖެހެނީ އެއްބަސްވުމުގެ ދަށުން އަސްލު ދައްކަންޖެހޭ 346،000 ޑޮލަރު ކަމަށް ހުކުމްގައި ބުނެފައިވެއެވެ. އަދި ޕެނަލްޓީ ކްލޯޒްގެ ދަށުން ޖޫރިމަނާ ނަގައިދިނުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ދުރަށް ދާންޖެހޭ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކޮށްފައި ވަނީ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އައުލަބިއްޔަތުންނެވެ. ނަމަވެސް ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔު އެ ދެ ފަނޑިޔާރުންނާ ތަފާތެވެ.

ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔަކީ ޕެނަލްޓީ ކްލޯޒްގެ މާއްދާގެ ދަށުން ޖޫރިމަނާ ނަގައިދެވޭނެ ކަމަށެވެ. ނަމަވެސް އަސްލު އަދަދަށް ވުރެ ޖޫރިމަނާ ބޮޑުވެގެންދާ ނަމަ، ކޯޓުތަކަށް ޖޫރިމަނާ ކުޑަ ކުރެވިދާނެ ކަމަށާއި އެހެންކަމުން އެ މައްސަލައިގައި ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 346،000 ޑޮލަރާ އެއްވަރުގެ ޖޫރިމަނާއަކަށް ޖޫރިމަނާ ކުޑަ ކުރެވިދާނެ ކަމަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔުގައިވެއެވެ.