އިންޓަނެޓްގެ އަގުހެޔޮ ކުރުމާ މެދު ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ނަމަވެސް އިންޓަނެޓްގެ އަގު ހެޔޮ ކުރުމާމެދު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މި ވަނީ، އަންނަ ޖުލައި މަހުގެ އެކަކުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރަން ނިންމައި އެކަމާބެހޭ އަގުތަކާ މެދު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އެ ވާހަކައަކީ މުޅިން ރަނގަޅު ވާހަކެއް ނޫން ކަމަށެވެ. ނަމަވެސް އިންޓަނެޓްގެ އަގު ހެޔޮ ކުރުމާބެހޭ މަޝްވަރާތައް ކުރިއަށްދާތާ މިހާރު ދެމަހެއްހައި ދުވަސް ވެފައިވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އެއްވެސް ނިންމުމެއް އަދި ނިންމާފައި ނުވި ނަމަވެސް، އެކަމާ ގުޅިގެން ރަނގަޅު ބަދަލުތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ނަމަވެސް އިންޓަނެޓްގެ އަގަށް އަދިވެސް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގައިގެން މަގާމުން ވަކި ކުރީވެސް އިންޓަނެޓް އަގު ހެޔޮ ވެފައި ނުވާ މައްސަލައިގައެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް