ޚަބަރު

ރޭގެ އެއްވުން ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގުކުރުމަށް ސީޕީ އަންގަވައިފި

ރިފާ ހަލީލު

1

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އަންގާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އެއްވުން ފެށީ ގާތްގަނޑަކަށް 20 ވަރަކަށް މީހުންނާއެކު ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަ ކުރާ ބޭނުން ކޮށްގެން ޝުއޫރު ފާޅުކުރުމަށްފަހު މުޒާހަރާގެ ބައިވެރިން ދެން މިސްރާބު ޖެހީ މަޖީދީ މަގަށެވެ. ނަމަވެސް ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން އެއްވުމުގެ ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއެވެ.

ހާލަތާ ނުބައްދަލަށް ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކޮށްފައިވާ މަންޒަރު ކަމަށް ބުނާ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މިކަމާ ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް ކުރިޔަށް ގެންދިޔަ އެއްވުން ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބަލަމުންގެންދާ ކަމަށެވެ. އަދި މިކަން ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށެވެ.