ޚަބަރު

މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅޭ ގާނޫނެއް ހަދަނީ

މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގާނޫނެއް މި އަހަރު ފާސްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރަކީ މަސައްކަތްތެރިންނަށް ދަތި އަހަރަކަށް ވިިޔަސް، މިއަހަރަކީ އުންމީދީ އަހަރެއް ކަމަށެވެ.

އެގޮތުން މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެެރިކަމާބެހޭ ގާނޫނެއް މިއަހަރު ފާސްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް މިއަހަރުގެ ތެރޭގައި މިނިމަމް ވޭޖެއްވެސް ތަންފީޒު ކުރަން ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ވަޒީފާއާބެހޭ ގާނޫނަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފާސްކޮށް، ހަމަ އެ މަހު ތަސްދީގު ކުރި ވަޒީފާއާބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސް ޗާޖު ނެގުމަށް ވަނީ ލާޒިމުކޮށްފައެވެ.

އޭގެ އިތުރުން އެ އިސްލާހުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާ ހަވާލުކުރުމަށް ލާޒިމުކޮށް، މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ހައްގު މުވައްޒަފުންނަށް ލިބިދީފައިވެއެވެ.