(29 އޭޕްރިލްގެ އަދަދާ ގުޅޭ)
މީގެ އެތައް އަހަރެއްގެ ކުރީން އަޅުގަނޑު ވަނީ މިއަދު މަނިކުފާނު އެބޭފުޅުންނަށް ތިޔަ ދެއްވާ މެސެޖު އެބޭފުޅުންނަށް އަރުވައިފައި. އެކުށަށް އަޅުގަނޑަށް ލިބުނު އަދަބަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެ ޅަނދޮޅު، އެންމެ އުފާވެރި، އެންމެ މުހިންމު ދުވަސްތައް ޤުރުޠުބާއާއި ޠުލައިޠުލާގެ ޖަލުގައި ހޭދަކުރާންޖެހުން. މަނިކުފާނު ތިޔަ ވަޑައިގެންނެވީ އަންދަލުސުގެ މުސްލިމުންނަށް އެހީފުޅުވެދެއްވަން ކަމުގައިވާނަމަ މުލޫކުއްޠަވާއިފުންގެ ކިބައިން އަންދަލުސު ސަލާމަތްކުރެއްވުމަކީ މަނިކުފާނުގެ ވާޖިބެއް. މަނިކުފާނު ވަޑައިގެންނެވީ އެބޭފުޅުންގެ ވެރިކަމުގެ ވެއްޓެމުންދާ ފާރުތައް ވަރުގަދަކޮށްދެއްވަން ކަމުގައިވާނަމަ ޒަލާޤާގެ ފަތަޙައިގެ ނަތީޖާއަކީ ވަގުތީ ކަމެކޭ ދަންނަވާކަށެއް އަޅުގަނޑު ފަހެއް ނުޖެހޭނަން. އަންދަލުސަށް ކުރިމަތިވެފައިވާ ދާއިމީ ނުރައްކަލަކުން އަންދަލުސު ސަލާމަތްކުރުމަށްޓަކައި އަންދަލުސު އެއްބައިކޮށް އެކަތިގަނޑަކަށް ހަދަންޖެހޭ. މުލޫކުއްޠަވާއިފުންގެ ވެރިކަމުގެ ފުރޭތަ އަންދަލުސަށް ސަވާރުވެފައިވާހައި ހިނދަކު އަންދަލުސު އެކަތިގަނޑަކަށެއް ނެހެދޭނެ!"
މި ތަޤުރީރު ކުރެއްވި ފިސާރިފިރިހެން މުސްކުޅިފުޅު ބޭފުޅަކީ عبــدالمنـعـــم އެވެ. އޭނާ ދެނެވަޑައިގަންނަވާ ބޭފުޅުންކުރެ އެއްވެސް ބޭފުޅަކަށްވެސް އެފަދަ ބަސްފުޅު މަދު ބޭފުޅަކު އެހައި ޖޯޝާއި ފޯރިއާއެކު އެފަދަ ވަރުގަދަ ތަޤުރީރެއް އެފަދަ އެއްވުމެއްގައި ކުރައްވައިފާނެކަމަކަށް ޚިޔާލުފުޅަށްވެސް ގެންނެވިފައެއް ނުވެއެވެ. އެ އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އޭނާގެ އުފަން ބޭފުޅުންވެސް އޭނާގެ ތަޤުރީރު އަޑުއެއްސެވީ ނުހަނު ހައިރާންފުޅުކަމާ އެކުގައެވެ. أميـر يـوسف ފަތަޙަޔަށްފަހު އެއްފަހަރަކު عبــدالمنـعـــم އާ އެހެންމީހުނާ ވަކީން ބައްދަލުކުރެއްވިއެވެ. ނަމަވެސް عبــدالمنـعـــم އެބައްދަލުވެވަޑައިގެންނެވުމުގައި އޭނާގެ ޒަމީރު އަޑުފުޅު ސަރީޙަ ގޮތެއްގައި أميـر يـوسف އަށް އިއްވަވައިފައެއް ނުވެއެވެ. عبــدالمنـعـــم ހަމައެކަނި ވިދާޅުވީ އެންމެ ވާހަކަފުޅެކެވެ. "މަނިކުފާނާއި މުލޫކުއްޠަވާއިފުންނާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ މުޢާހަދާއަކީ މާގިނަދުވަހަކު ދެމިއޮންނާނެ މުޢާހަދާއެއް ކަމަކަށެއް އަޅުގަނޑަކަށް ނުފެނެއެވެ." عبــدالمنـعـــم ވިދާޅުވީ ހަމައެކަނި މިހެންނެވެ. އަންދަލުސުގެ ޢިލްމުވެރީންގެ ތެރެއިންވެސް قـاضى أبـو جـعـفـر ފިޔަވައި އެހެން އެއްވެސް ބޭފުޅަކަށް عبـدالمـنعــم އެބައްދަލުވުމުގައި އެވަރުގެ އަލިފާނުގެ އުންޑައެއް ދޫކޮށްލައްވާނެކަމެއް އެނގިވަޑައިގެންފައެއް ނެތެވެ.
އިޝްބީލިއްޔާގެ އާއްމުން ވަރަށް ވަރުގަދަ ޖޯޝީ ނަޢުރާތަކާއެކު عبــدالمنـعـــم ގެ ވާހަކަފުޅަށް ތާއީދުކުރަމުން ގެންދިޔައެވެ. މުލޫކުއްޠަވާއިފުން ތިއްބެވީ ވަރަށް ފިކުރުފުޅު ބޮޑުވެފައެވެ. ކަންބޮޑުވެވަޑައިގެންފައެވެ. އެބޭފުޅުން ތިއްބެވީ އެއްވެފައިތިބި މީހުނާ ކުޑަކޮށް އެއްކައިރިވެވަޑައިގެންނެވެ. سيـر بــن أبى بـكـر އަށް އާއްމުންގެ ޖޯޝާއި ފޯރި ފެނިވަޑައިގެންނެވުމުން އޭނާ ބަރުބަރީ ސަވާރުންނަށް އެބޭފުޅުން ޙިމާޔަތްކުރަން އަންގަވައިފިއެވެ. ބަރުބަރީ އަސްވާރުން އެބޭފުޅުން ވަށައިލައިފިއެވެ. أميـر يـوسف بــن تـاشـفـيـن އިރުކޮޅެއްވަންދެން ހިސާބަކަށް ފަސްޖެހިވަޑައިގެންފައި ހުންނެވިއެވެ. އިރުކޮޅަކު ހުންނެވުމަށްފަހު އޭނާ އަތްޕުޅު އުފުލައިލައްވައިފިއެވެ. އެއްވެފައިތިބި މީހުން އެކަކު އަނެކަކަށް ހިމޭންވާން އަންގަން ފަށައިފިއެވެ.
أميـر يـوسف ވިދާޅުވިއެވެ. "ކަލާއަށް އެނގިވަޑައިގެންފައިވާނޭ ފަދައިން އަޅުގަނޑު ވަނީ ތިޔަބޭފުޅުންގެ ދަންނަބޭކަލުންނާއި ރަސްރަސްކަލުންނާއެކު އެއްބަސްވުމެއް އެއްބަސްވެފައި. އަޅުގަނޑު ވަނީ އަލްފާންސޫ ބަލިކޮށްލުމަށްފަހު އަންދަލުސުގެ ދާޚިލީ ކަންކަމާ ނުބެހޭން ވަޢުދުވެފައި. އަޅުގަނޑުގެ ސިފައިން ވަރަށް އަވަހަށް އަންދަލުސުން ފައިބާނެ. އަޅުގަނޑު ވެފައިވާ ޢަހުދުގައި އަޅުގަނޑު ދެމިހުންނާނަން..... އެކަމަކު އަޅުގަނޑާވެސް އަންދަލުސުގެ ވެރީންނަށް ދަންނަވަން. ތިޔަބޭފުޅުންވެސް މިހުންނެވި މާތް ޢިއްޒަތްތެރިޔާގެ ތަޤުރީރު އަޑުއައްސަވައިފީމު. އަޅުގަނޑުވެސް ތިޔަބޭފުޅުންނަށް މަޝްވަރާ އަރުވާނީ ވައިޖެހޭ މިސުރާބު ފާހަގަކުރައްވަން މަސައްކަތްޕުޅު ކުރައްވަން. ތިޔަބޭފުޅުން އިސްލާމީ އުސޫލުތަކާ ދުރަށް ވަޑައިގެން ޤައުމުގެ މުސްތަޤުބަލު ނުރައްކަލުގެ ތެރެޔަށް ވައްޓައިލައްވަން މަސައްކަތްޕުޅު ކުރައްވާނަމަ، ހަނދުމަފުޅު ބަހައްޓަވާތި. ތިޔަބޭފުޅުންގެ ވެރިކަމުގެ ގަނޑުވަރުތަކުގައި މާގިނަދުވަހަކު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ ނޭވާފުޅެއް ނުލެއްވޭނެ..... އަންދަލުސުގެ މުސްލިމުންނަށް އަޅުގަނޑު ދަންނަވާނަން. ތިޔަބޭފުޅުން އަންދަލުސުގައި އިސްލާމީ ނިޒާމުގެ ސަރުކާރެއް ޤާއިމުކުރައްވަން ބޭނުންފުޅު ކަމުގައިވާނަމަ ތިޔަބޭފުޅުންގެ މެދުގައި އިޖުތިމާޢީ ޒަމީރެއް ހޭލައްވައި ދަމަހައްޓަވާ. ކޮންމެ ގޮތެއް ވަރިހަމަ ކުރައްވައިގެން ނުތިއްބަވާ. އޭރުން ރައްޔިތުންގެ އިޖުތިމާޢީ ބާރުގެ ކުރިމަތީގައި ޣައިރު އިސްލާމީ ނިޒާމުތައް ބިންގަލާ ހަމައިން ރޫޅިގެން ހިނގައިދާނެ. ތިޔަ އަޚުންގެ މުލައްދަނޑިފުޅުތަކުގައި ތިޔަބޭފުޅުންގެ ވެރީން ޝަރުޢީ ނިޒާމުގެ ދާއިރާގައި ހިފަހައްޓަވައި އެ ނިޒާމު ހިންގަވަން ތައްޔާރުކުރުއްވޭހައި އުރައްޕެއް ނެތްކަމުގައިވާނަމަ އަޅުގަނޑު ދަންނަވާނީ އަންދަލުސުގެ މުސްލިމުންގެ ޢިއްޒަތާއި ޙުރުމަތާއި މިނިވަންކަމުގެ ދުވަސްތައް ގުނި ނިމިއްޖެކަމަށް."
أميـر يـوسف މިހައިތަނަށް ވާހަކަފުޅު ގެންދަވައިފައި عبــدالمنـعـــم އާ ދިމާޔަށް ވިދާޅުވިއެވެ. "ކަލާ އަދި އިތުރު ވާހަކަފުޅެއް ވިދާޅުވާން ބޭނުންފުޅުތޯ؟"
عبــدالمنـعـــم ނުހަނު ސާބިތުކަމާއެކު ޖަވާބު ދެއްވިއެވެ. "ނޫން. އަޅުގަނޑުގެ ވާޖިބު އަދާކޮށްފިން!"
أميـر يـوسف އެއްވެފައިތިބި މީހުންނާ ދިމާޔަށް ވިދާޅުވިއެވެ. "ތިޔަބޭފުޅުން ތިޔަބޭފުޅުން ގޭގެއަށް ވަޑައިގަންނަވާ. އަޅުގަނޑު ވަޢުދުވަން. ތިޔަބޭފުޅުންގެ ވެރީންގެ ކުރިފުޅުމަތީގައި އަޅުގަނޑު ތިޔަބޭފުޅުންގެ ފަރާތްޕުޅުން ވަކާލާތު ކޮށްދޭނަން!"
* * * * * * * * * * *
أميـر يـوسف ވިދިގެންއައި ދުވަހު ވަނީ ޝާހީ ކިއްލާގައި ބާއްވާ ރޯދަވީއްލެވުމުގެ ދަޢުވަތެއް ޤަބޫލު ކުރައްވައިފައެވެ. أميـر معـتـمـد ވަރަށް ބޮޑަށް އެދިވަޑައިގެންނެވުމުގެ ސަބަބުންނެވެ. أميـر يـوسف ގެ ލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވި އެފުރިކާގެ ޤަބީލާތަކުގެ ޝައިޚުންނާއި، ނަންހުރި ޢިލްމުވެރީންނާއި ޢަސްކަރީ އޮފިސަރުންކުރެ އިސް ބައެއްބައެއް ބޭފުޅުން އެ ދަޢުވަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޒިޔާފަތު އޮތީ ޝާހީ ކިއްލާގެ ހަތަރުފާރުގެ ތެރޭގައިއޮތް ވަރަށް ހިތްގައިމު ރީތި ބަގީޗާއެއްގައެވެ. ފާނޫޒުތަކާއި ކާފޫރުގެ ބައްތިތަކުން މުޅި ބަގީޗާ ވަނީ ހުޅުދާންކޮށްފައެވެ. معـتـمـد ގެ ވަޒީރުންނާއި ބޮޑުންގެ އިތުރަށް އަންދަލުސުގެ މުލޫކުއްޠަވާއިފުންކުރެ ބައެއް ބޭފުޅުންވެސް އެ ދަޢުވަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިޝްބީލިއްޔާގެ ޝާހީ ފަރިއްކޮޅުގެ ސުފުރާކޮޅުގެ މުއްސަނދިކަންހުރީ އެފުރިކާގެ ސާދާ ވެރިޔާއާއި އެމަނިކުފާނުގެ ބައިވެރީން ހައިރާންފުޅުވާހައި މައްޗަށެވެ.
މަލަކާ ރަމީކިއްޔާ އެކަމަނާގެ ހުރިހައި ޗާރާކަމަކާއި ދެއްކުންތެރިކަމަކާއެކު "އަނަލްބަރުޤް" އެވެ. (ހުރިހައިވެސް މީހަކީ އަހަންނޭ) ވިދާޅުވަމުން އެރޯދަ ވީއްލެވުމަށް ހާޒިރުވެވަޑައިގެންނެވިއެވެ. އެކަމަނާ އިންނެވީ معـتـمـد ގެ ކަނާތްޕުޅު ފަރާތުގައެވެ. އެފުރިކާގެ ސަހަރާގެ އަހުލުވެރީންގެ ނަޒަރު އެކަމަނާއާ ދިމާޔަށް ހުއްޓެނީ އެންމެ ފަހަރަކުއެވެ. އެއަށްފަހު އިސްދަށަށް ޖައްސަވައިލައްވާގޮތަށް ދެވަނަފަހަރަކަށް އިސްއުފުއްލަވައެއް ނުލައްވައެވެ. އެއްވެސް ބޭފުޅަކު އެކަމަނާގެ ހެދުންކޮޅަކަށް ތާރީފެއް ނުކުރައްވައެވެ. އެކަމަނާގެ ހިނިފުޅުވެޑުވުމުގެ ޖަވާބުގައި ހިނިފުޅުވަޑުވައެއް ނުލައްވައެވެ. ރަމީކިއްޔާ އިންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. ރަމީކިއްޔާ އިންނެވީ ނުރުހުންވެވަޑައިގެން ތުންފަތްޕުޅު ފިއްތަވައިގެންނެވެ. އެކަމަނާ އިންނެވީ ކޯފާ އިސްވެފައެވެ. އެކަމަނާގެ ގަހަނާބަހަނާކޮޅާއި ހެދުންކޮޅުން އެބަޔަކު ހައިރާންކުރުއްވަން ބޭނުންފުޅު މީހުން އެކަމަނާއާ ދިމާޔަކަށް ކަޅިފުޅެއް ނާޅުއްވައެވެ. މަޑުމައިތިރިކަމާއެކު އިސްދަށަށް ޖައްސަވައިލައްވައިގެން ތިއްބަވައި ފަރީއްކުޅުވީއެވެ. އެބޭފުޅުންގެ ހިމޭންކަން އެކަމަނާއާ ސުވާލުކުރެއެވެ. "ކަމަނާއަކީ މުސްލިމެއްގެ އުޚުތެއްތޯއެވެ؟ މުސްލިމެއްގެ އަނބިކަނބަލެއްތޯއެވެ؟ މުސްލިމެއްގެ މަންމައެއްތޯއެވެ؟ ކަމަނާ ކަމަނާގެ މަގާމު ވިސްނައިވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވާށެވެ!" ރަމީކިއްޔާއަށް އިޙުސާސް ކުރެއްވެނީ އެހުރިހައި ބޭފުޅުން އެކަމަނާއަށް އެއްޗެހި ވިދާޅުވާކަމުގައެވެ. އެކަމަނާއަށް ލަޢުނަތް ދެއްވާހެންނެވެ. "ކޮންތަނަކު ޖާހިލުންތަކެއް ހެއްޔެވެ؟" އެކަމަނާގެ ހިތްޕުޅަށް ތަސައްލީ ދެއްވުމަށްޓަކައި ހިތްޕުޅުން ވިދާޅުވަމުން ގެންދެވިއެވެ. އެކަމަނާ އަންދަލުސުގެ މުލޫކުއްޠަވާއިފުންނާ ދިމާޔަށް ބައްލަވައިލެއްވިއިރު އެބޭފުޅުންގެ ސަމާލުކަމުގެ މަރުކަޒަކީވެސް އެކަމަނާއެއް ނޫނެވެ. معـتـمـد މަޑުމަޑުން ވިދާޅުވިއެވެ. "މަލަކާ! ކަމަނާ ފަރީއެއް ނުކުޅުއްވަމުތޯ؟"
"އަޅުގަނޑު ބަނޑުހައެއް ނުވޭ!" ރަމީކިއްޔާ މޮޅިވެރި ރާގަކަށް ވިދާޅުވިއެވެ.
"ކަމަނާގެ ޠަބީޢަތް ރަނގަޅުފުޅުތޯ؟"
"ނޫން. އަޅުގަނޑު ބޭނުންވަނީ އަރާމުކޮށްލަން."
"ކަމަނާ ވަޑައިގަންނަވާ! މިބޭފުޅުން ކަމަނާ ވަޑައިގެން ނެތްކަމެއް އިޙުސާސެއް ނުކުރައްވާނެ!"
ރަމީކިއްޔާ ތެދުވެވަޑައިގަންނަވާން އުޅުއްވައިފައި ކުއްލިޔަކަށް މަޑުކޮށްލައްވައިފިއެވެ. އެކަމަނާގެ ލޯފުޅުގައި އަޅައިގަތީ ސުފުރާގެ އަނެއްކޮޅުގައި އިންނެވި ޒުވާނެއްގެ މޫނުފުޅެވެ. އެކަމަނާ معـتـمـد އާ މަޑުމަޑުން ސުވާލު ކުރެއްވިއެވެ. "އަޅުގަނޑުމެންގެ ކުރިމަތީން ކަނާތްފަރާތުގައި ކަޅު ނަސްލުގެ މުސްކުޅިޔަކާ ވާހަކަ ދައްކަވަން އެއިންނެވި ޒުވާނަކީ ކޮންބޭފުޅެއްތޯ؟"
"އެއީ أميـر يـوسف ގެ ލަޝްކަރުގެ ޖަނަރަލެއް."
"ރަނގަޅަށް ވިސްނައިވަޑައިގެން ބައްލަވައިލައްވާ!"
معـتـمـد ގެ ވާތްޕުޅުފަރާތުގައި އިންނެވީ އޭނާގެ ބޮޑުވަޒީރު إبــن زيــدون އެވެ. އޭނާ މަޑުމަޑުން ވިދާޅުވިއެވެ. "އެއީ މީގެ އަހަރުތަކެއްގެ ކުރީން އެއްރެޔަކު މަނިކުފާނުގެ ދަރުބާރުގައި ބާޣީ ޚިޔާލުފުޅުގެ ތަޤުރީރެއް ކުރެއްވި ޒުވާނާ. އިއްޔެ މަނިކުފާނު އަޑުއެއްސެވީ އޭނާގެ ބައްޕަގެ ތަޤުރީރު! އޭނާ މިއަދު މިތަނަކަށްވެސް ވަޑައެއް ނުގެންނެވި." معـتـمـد ވަކި ޖަވާބެއް ނުދެއްވިއެވެ.
އެ ޒިޔާފަތަށްވަނީ އިޝްބީލިއްޔާ ފިޔަވައި އަންދަލުސުގެ އެހެނިހެން ރަށްރަށުން ހޮވައިލެވޭ މަޝްހޫރު ޝާޢިރުންނަށްވެސް ދަޢުވަތު ދެވިފައެވެ. أميـر معـتـمـد ފަރިއްކޮޅަށްފަހު أميـر يـوسف ގެ އަރިހުގައި ވިދާޅުވިއެވެ. "މަނިކުފާނު އަންދަލުސުގެ މަޝްހޫރު ޝާޢިރުންނަށް އެބޭފުޅުންގެ ޅެންތައް ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުން ކީއްތޯއޭ؟"
أميـر يـوسف ތަންކޮޅެއް އަބުއިކޮށް ވިދާޅުވިއެވެ. "ތިޔަކަމަށް ކިހައި ވަގުތެއް ބޭނުންވާނެތޯ؟"
"މަނިކުފާނު ރުހިވަޑައިގަންނަވާ ވަރަކަށް."
"އަޅުގަނޑަކަށް މާގިނައިރަކު ނުއިނދެވޭނެ!"
"އެކަށީގެންވާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވަންޏާ ޢިޝާނަމާދަށްފަހު އެބައިމީހުންނަށް ފުރުސަތު ދެއްވުންކީއްތޯ؟"
"ނޫން! ޢިޝާނަމާދަށްފަހު އަޅުގަނޑު އަރާމުކުރާނީ" أميـر يـوسف ވިދާޅުވިއެވެ.
ޝާޢިރުންކުރެ ދެމީހެއް އެދެމީހުން أميـر يـوسف އަށް ހަދައިފައިވާ ދެ ގަސީދާ ދަންނަވައިފިއެވެ. معـتـمـد އާއި އޭނާގެ ވަޒީރުންނާއި މުލޫކުއްޠަވާއިފުންކުރެ ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުން ހިތްޕުޅުގެ އަޑީން އެ ޅެންތަކަށް ސާބަސް ދެއްވިއެވެ. ނަމަވެސް أميـر يـوسف ހިމޭނުން އިންނެވީއެވެ. ޝާޢިރުން އެމަނިކުފާނަށް ތާރީފުކުރަނީކަމެއް ނުވަތަ މަލާމާތްކުރަނީ ކަމެއްވެސް އެމަނިކުފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
ތިންވަނަ ޝާޢިރު އޭނާގެ ޅެން ހުށަހަޅާން ފެށުމުން أميـر معـتـمـد، أميـر يـوسف އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މިއީ އިޝްބީލިއްޔާގެ އެންމެ ކުޅަދާނަ ޝާޢިރު. އޭނާގެ ޅެމުގެ މާނަ މަނިކުފާނަށް ވިސްނިވަޑައިގަންނަވާތޯ؟"
"ނޫން. އަޅުގަނޑަކަށް އެކައްޗެއްވެސް ނުވިސްނޭ. އަޅުގަނޑަށް އެނގޭކަމަކީ މިބައިމީހުން ފައިސާކޮޅަކަށް ބޭނުންވާކަން. އެމީހުން އިންސާނުންގެ ބަދަލުގައި މާތް اللّـه ގެ ރަސްކަންފުޅަށް ތާރީފުކޮށް ސަނާ ދަންނަވާނަމަ ކިހައި ރަނގަޅުވީސް." أميـر يـوسف އެހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. ޝާޢިރުންނާއި ޅެމަށް ތާރީފުކުރާ މީހުން ކަންބޮޑުވެގެން އެކަކު އަނެކެއްގެ މޫނަށް ބަލަބަލައި ތިއްބައި أميـر يـوسف މަޖްލިސް ނިންމައިލައްވައިފިއެވެ. أميـر يـوسف އަށް ތާރީފުކުރުމުގެ ގޮތުން ކުޑައިރުކޮޅެއްގެ ކުރީން އުޑާއި ކަނޑާ އެއްކުރަމުން ގެންދިޔަ ޝާޢިރުން އެރޭގެ މަސައްކަތަކަށް ހެދީ أميـر يـوسف އަށް ހަޖޫކިޔުމުގެ ޅެންތައް ހަދައިގެން އެބައިމީހުންގެ ހިތްތަކުގެ އުދާސް ފިނިކުރެވޭތޯ ބެލުމެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު