ރިޕޯޓް

އެކްސްކްލޫސިވް: ޝިފާޒް އާއި ޖަޒްލީން ބައްދަލުވި ވަގުތުގެ އިހުސާސްތައް، އެކުވެރިކަމުގެ މާތް ނަމޫނާއެއް!

ރިފާ ހަލީލު

މިއީ މި ޒަމާނުގައި މަދުން ނޫނީ ނުލިބޭ ފަދަ ނަމޫނާ ދެ އެކުވެރީންނެވެ. މިއީ ފުރާނަ އަތް މައްޗަށް ލައިގެން އެންމެ ގާތް އެކުވެރިޔާ ސަލާމަތް ކުރުމަށް ކަނޑު އަޑިއަށް ފީނި ޒުވާނެއްގެ ވާހަކަ އެވެ. މުޅި ގައުމު މިއަދު އެ ޒުވާނާ އަށް ފަހުރުވެރާ ޖަޒްލީންގެ ވާހަކަ އެވެ.

އެންމެންވެސް ދައްކަމުން އަންނަނީ ނިލަންދޫގެ މި ދެ ޒުވާނުންގެ ވާހަކަ އެވެ. މިއީ ފުރާނަ ހުރިހާ ހިނދަކު އެކަކު އަނެކަކު ދޫކޮށް ނުދާނެ ދެ ރައްޓެހީންގެ ވާހަކަ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިލަންދޫން ހަތް މީހުންގެ ގުރޫޕަކާއެކު މަހަށް ފުރި މި ދެ އެކުވެރިންނަކީ ދަގަނޑު ޖަހައިގެން މަސްހިފަން ދާ ދެ ރައްޓެހިންނެވެ. ދަތުރަށް ފުރީ ފަލަ މަސް ހިފައިގެން އައުމަށެވެ. ކުރިމަތިވި މަރުގެ ހާދިސާއިން ޝިފާޒް ސަލާމަތްވީ އެކުވެރި ޖަޒްލީން ފުރާނަ އަތްމައްޗަށް ލައިގެން ވީ ގުރުބާނީގެ ސަބަބުންނެވެ.

ޖަޒްލީން ބުނީ ފުރާނަ ހުރިހާ ހިނދަކު ގާތް އެކުވެރިޔާ ޝިފާޒް މަރުވާން ދޫކޮށް ނުލާނެ ކަމަށެވެ. ކަނޑު އަޑީގައި ޝިފާޒަށް ވަމުންދިޔަ ގޮތް ގާތުން ފެނުމުން ޝިފާޒް "ދަނީ" ކަމަށް އެހެން ރައްޓެހިން ބުނަމުން ދިޔަ ނަމަވެސް ޖަޒްލީން ބުނީ އެންމެ ސިކުންތަކަށްވެސް އުއްމީދު ކަނޑައިނުލާ ކަމަށެވެ. ގައިގެ ނެތް ހަކަތައެއް ލާފައި ޝިފާޒްގެ ބަރު ހަށިގަނޑާއެކު މައްޗަށް އެރީ ކިހިނެއް ކަމެއް ބުނެދޭން ނޭނގޭ ކަމަށްވެސް ޖަޒްލީން ވަނީ ބުނެފަ އެވެ.

"ޝިފާޒް ލޯންޗަށް ނަގަން މަސައްކަތް ކުރަނިކޮށް އެތަނުން ކުއްޖަކު ބުނީ ވިންދެއް ނެތޭ. އެކަމަކު އަހަރެން ހިފި އަތުގަ ކޮންމެވެސް ވަރަކަށް ވިންދު ހުރި ހެން ހީވި. ދެން ބުނިން ވިންދު އެބަހުއްޓޭ. ދެން ސީޕީއާރްދޭން ފެށީ. 30 ވަނަ ފަހަރު މެޔަށް ޕަންޕް ކުރި ތަނާ ޝިފާޒްގެ މޫނުވެސް ނުފެންނަ ވަރަށް އަނގައިންނާއި ނޭފަތުންނާއި ކަންފަތުން ލޮނު އަންނަން ފެށީ ފޮނުތަކާއެކު. ދެން އަނެއްކާވެސް ރިކަވަރީ ސައިޑަށް ބާއްވާފަ ޕުޝް ކުރަން ފެށިތަނާ ބޮޑު ނޭވާއެއްލީ. އެވަގުތު ހީވީ އެ ނޭވާ އެލީ އަހަރެންގެ ހިތަށޭ. އުއްމީދު ކަނޑައެއްނުލަން. ނޭވާ ލީމަ ވަރަށް ހިތްހަމަ ޖެހުނު." ގާތް އެކުވެރިޔާ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ހިއްސާ ޖަޒްލީން ކުރަމުން އޭނާ ބުންޏެވެ.

ހަކަތަ ހުސްވަންދެން ޝިފާޒުގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ކަމަށާއި ހޭވެރިކަން އައުމުން ޝިފާޒަށް ވީ ގޮތް ބަލަން އެދި ބާރަށް ރޮއެ ގަނެވުނު ކަމަށް ޖަޒްލީން ބުންޏެވެ. އޭރު ހޮސްޕިޓަލް ތެރޭގައި ގިނަ އަދަދެއްގެ މީހުން ތިބި ތަން ފެނުނު ކަމަށާއި އެ ވަގުތު ޑޮކްޓަރު އައިސް ޝިފާޒުގެ ހާލު ރަނގަޅޭ ބުނެ ހިތްވަރު ދިން ކަމަށް ޖަޒްލީން ބުންޏެވެ. އެކަމަކު ހޮސްޕިޓަލް ތެރޭގައި ތިބި މީހުންގެ ތެރެއިން މީހަކު އުއްމީދު ކަނޑާލައިފި ކަމަށް ބުނުމުން ހުރެވުނު ތަންވެސް ނޭނގޭ ކަމަށާއި އަޑުނެތް ކޮޅަށް ރޮއެ ގަނެވުނު ކަމަށްވެސް އޭނާ ބުންޏެވެ.

"ޑޮކްޓަރު އަހަރެން ހިތްހަމަ ޖައްސަން މި ބުނަނީ ޝިފާޒްގެ ހާލު ރަނގަޅޭ. އޭރު ޝިފާޒް މާލެ ގެންދިޔުމުގެ މަގުމަތީގަ އުޅުނީ. ދެން އަހަރެންގެ ބައްޕަ އައިސް ބުނެފި ދޮންތައޭ ޝިފާޒް ގޮވައިން މާލެ ދަނީ. ޝިފާޒްގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅު ވަމުންނޭ އަންނަނީ. ދޮންތަ އަކީ ޝިފާޒް ގޮވައިން މާލެ އައި ނަރުސް މީހާ. ދެން އިރު އިރު ކޮޅުން ދޮންތައަށް ގުޅައި ހާލު ބަލަން. ވަރަށް އުފާވި ޝިފާޒްގެ ހާލު ރަނގަޅުވަމުން އަންނަ ވާހަކަ ބުނީމަ. ބަރާބަރަށް ކޮންމެ ދުވަހަކުވެސް ކޮންމެ ރެއަކުވެސް ޝިފާޒްގެ ހާލު ބަލަން. ނުވެސް ނިދޭ ޝިފާޒްގެ ހާލު ނުބަލާ. ދޫކޮށްލީމަ ހަމަ ވަގުތުން ބޭނުންވީ މިކޮޅަށް (މާލެ)އަށް އަންނަން." ޖަޒްލީން ބުންޏެެވެ.

ޝިފާޒާ ބައްދަލުކުރަން މިވަގުތު މާލެ އައިސް ހުރި ޖަޒްލީން "ވަން" އަށް މިއަދު ބުނީ މިހާރު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ޝިފާޒް ސަލާމަތް ވުމުން ކުރެވޭ އިހުސާސްތައް ބުނެދޭން ނޭނގޭހާ ވެސް އުފާވެރި ކަމަށެވެ. ޝިފާޒާއި ބައްދަލު ކުރުމަށް މާލެ އައިކަން އޭނާ އަށް ނޭނގޭނެ ކަމަށް ޖަޒްލީން ބުންޏެވެ.

ޖަޒްލީން ބުނީ ހޮސްޕިޓަލަށް ޝިފާޒް ދެކިލުމަށް ދިޔަ ވަގުތަކީ ވަރަށް އުފާވެރި ވަގުތެއް ކަމަށާއި އެވަގުތު އެނދުގައި އޮތް ޝިފާޒަށް އޭނާ ފެނުމުގެ ވެސް ކުރީން ބާރަށް ބައްދާލީ ކަމަށެވެ. އެވަގުތު ދެ މީހުންވެސް ތިބީ އުފަލުން ފެންކަޅިވެފައި ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގި ގޮތް މީގެ ކުރިން "ވަން" އިން ވަރަށް ތަފްސީލުކޮށްވަނީ ގެނެސްދީފަ އެވެ.

ޝިފާޒަށް ހޭވެރިކަން އައީ ހާދިސާ ހިނގިތާ 24 ގަޑި އިރަށްވުރެންވެސް ގިނަ އިރުވީ ފަހުންނެވެ. އޭނާ ހޭ އެރުމާއެކު ޖަޒްލީން ވަނީ އޭނާއަށް ގުޅައިދިނުމަށް ޝިފާޒްގެ އާއިލާ މީހުން ގާތު އެދިފަ އެވެ. އެހެން ކަމުން މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޝިފާޒަށް ހޭވެރިކަން އައުމުން ވާހަކަ ދެކެވުނު ކަމަށާއި އަދި ހާދިސާ ހިނގައިދިޔަ ގޮތް އޭނާ ހަނދާން ނެތް ކަމަށްބުނެ ކިޔައިދިނުމަށް އެދުނު ކަމަށްވެސް ޖަޒްލީން ބުންޏެވެ. ނަމަވެސް އެ ވަގުތު ހާލަތު ހުރި ގޮތުން ކިޔައި ނުދޭ ކަމަށާއި ނަމަވެސް މިހާރު ޝިފާޒްގެ ހާލު ރަނގަޅުވުމުން އެވާހަކަތައް އޭނާ އަށް މަޑު މަޑުން ކިޔައިދެމުން އަންނަ ކަމަށް ޖަޒްލީން ބުންޏެވެ.

ޖަޒްލީން ބުނީ އޭނާގެ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމުން މާލެ އައުމަށް މަސައްކަތް ފެށި ކަމަށާއި އަދި ޖެހިގެން އައި ދުވަހު މާލެ އައި ކަމަށެވެ. މާލެ އައީ ޝިފާޒަށް ސަޕްރައިޒެއް ދޭން ކަމަށާއި އެކަން ކުރެވުނު ކަމަށެވެ. ޝިފާޒް ފެންނަ ކޮންމެ ފަހަރަކު ހާދިސާ ހިނގި ގޮތް ކުލަކޮށް ސިފަވާ ކަމަށާއި އެކަމަކު އެންމެ އުފާވަނީ ގަދަ ވެ ސަލާމަތުން އަނބުރާ ލިބުމުން ކަމަށެވެ.

"ފެނުނީމަ ބުނެވެނީ ހަމަ އަލްހަމްދުލިﷲ އޭ. ފުރާނަ ސަލާމަތް ކުރެއްވީތީ ހަމަ ހަމްދު ކުރަން. މެދުވެރިޔަކަށް އަހަރެން ވީމަ ވަރަށް ބޮޑަށް އުފާވޭ." ގާތް އެކުވެރިޔާ ފެނުމުން ކުރެވުނު އިހުސާސްތައް ކިޔައި ދެމުން އޭނާ ބުންޏެވެ.

ހޮސްޕިޓަލުގައި އޮވެ "ވަން" އަށް ދިން އިންޓަވިއުއެއްގައި ޝިފާޒް ބުނީ ހުރިހާ ޝުކުރެއް ހައްގުވަނީ އެންމެ ގާތް އެކުވެރިޔާ ޖަޒްލީން އަށް ކަމަށެވެ. އަދި ޝުކުރު އަދާ ކުރުމަކުން ނުފުދޭ ކަމަށްވެސް ބުންޏެވެ.

"އަސްލު މިހެން ކިޔައިދޭންވެސް ނޭނގެ. އެއްވެސް ކަމެއް ހަނދާން ނެތިފަ ހުއްޓާވެސް އެންމެން ގާތު އަހައިގެން ކަންވީ ގޮތް އޮޅުން ފިލުވީމަ އެންމެންވެސް ބުނީ ޖަޒްލީން އޭ އަހަރެން ސަލާމަތް ކުރަން އެހީވީ. އެންމެ ގާތް އެކުވެރިޔާ ވީމަ އަދި މާ އުފާވި. އޭނަ އާއި ދެ މީހުން އިރާދަކުރެއްވީތީ ސަލާމަތްވެ މިއަދު ބައްދަލު ވެވުނީތީ ޝުކުރު ކުރަން." އޭނާ ބުންޏެވެ.

ޝިފާޒަށް ސަޕްރައިޒެއް ދިނުމަށް ޖަޒްލީން މާލެ އައީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ހޮސްޕިޓަލުގައި ޝިފާޒް ބާއްވާފައި އޮތް އެނދު ކައިރިން ޖަޒްލީން ފެނުމުން ވީ ގޮތް ބަޔާން ކޮށްދޭން ނޭނގޭ ކަމަށް ޝިފާޒް ބުންޏެވެ. އުފަލުން ގޮސް ރޮވުނު ކަމަށްވެސް ބުންޏެވެ. ދެން ހަމަ ބޭނުންވީ ބައިވަރު ވާހަކަ ދައްކަން ކަމަށާއި ކަންވީ ގޮތް ވެސް އެހެން މީހެއްގެ ފަރާތުން އެނގުމުގެ ކުރިން ޖަޒްލީންގެ ފަރާތުން އެނގެން ބޭނުންވި ކަމަށް ޝިފާޒް ބުންޏެވެ.

ހާދިސާ ހިނގައި ދިޔަ ގޮތް މިހާރު ހަނދާނަށް ކޮންމެވެސް ވަރަކަށް އަންނަން ފަށައިފި ކަމަށާއި ކިޔައިދެމުން އަންނަ ވަރަކަށް ހަނދާން ވަމުން އަންނަ ކަމަށްވެސް ޝިފާޒް ބުންޏެވެ.

"އެހެން މީހަކު ކިޔައިދޭއިރު އުނދަގޫ ވިޔަސް ޖަޒްލީން ކިޔައި ދިނީމަ ކުޑަކޮށް ހަމަޖެހޭ. ދެރަވޭ. އެކަމަކުވެސް މަޑުމަޑުން ކިޔައިދެމުން އަންނަ ވަރަކަށް ހަނދާންވެސް ވޭ ކުޑަކޮށް. މިހާރު ހަނދާން އެބަހުރި އެ މަސް ނަގަން ވެގެން އަޑިއަށް ދިޔަ ހަނދާން. ވަރަށް އުފާވި ޖަޒްލީން ފެނުނީމަ. މިވަރުގެ ރައްޓެއްސެއް ނުލިބޭނެ. ވަރަށް މަދުވާނެ މިކަހަލަ ރައްޓެހިން." ޖަޒްލީން އައުމުން ކުރެވުނު އިހުސާސްތަކާއި އޭނާ އަށް ތައުރީފު ކުރަމުން ޝިފާޒް ބުންޏެވެ.

ޝިފާޒްގެ ހާލު މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ރަނގަޅުވެފައިވީ ނަމަވެސް އަދިވެސް އޮތީ ހޮސްޕިޓަލުގަ އެވެ. ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ޝިފާޒް ވެސް އަދި ޖަޒްލީންވެސް މަސް ހިފަން ދިޔުން މަޑުޖައްސާލަން ބޭނުންވެ އެވެ. އެއްކޮށް ހުއްޓާ ނުލި ނަމަވެސް ދެން އަލުން އެކަމުގެ ތެރެއަށް ވަންނަން ދުވަސްކޮޅެއް ނަގާނެ ކަމަށް ދެ މީހުންވެސް ބުނެ އެވެ.

ޝިފާޒާއި ޖަޒްލީންވެސް އެހެން މީހުންނަށް ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. މަސް ހިފަން ދިޔުމަކީ މައްސަލައެއް ނޫން ނަމަވެސް މަސްހިފާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެންމެންވެސް އަޅަން ޖެހެ އެވެ. އަދި ފްރީ ޑައިވް ކުރި ކަމުގައި ވީނަމަވެސް އޭގެ މައުލޫމާތު ރަނގަޅަށް އެނގިގެން ނުވަތަ އެކަނި ޑައިވް ނުކުރުމަށްވެސް ވަނީ ނަސޭހަތްދީފަ އެވެ.