މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ޗިކަން ސްޓަ-ފްރައި ރެސިޕީއެވެ.

250ގ ކުކުޅުމަސް (ބޯންލެސް ޗިކަން ބްރެސްޓް، ތުނިކޮށް ހިމަދިގަށް ކޮށާފައި)

ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 ޖޯޑު ބްރޮކޮލީ

½ ރީނދޫ ބެލް ޕެޕާ (1 އިންޗިއަށް ކޮށާފައި)

½ ރަތް ބެލް ޕެޕާ (1 އިންޗިއަށް ކޮށާފައި)

½ ޖޯޑު ކެރެޓު

2 ސައިސަމުސާ އިނގުރު (ކޮށާފައި)

1 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)

1 މޭޒުމަތީސަމުސާ ސެސަމީސީޑް (ހަނާކޮށްފައި)

ސްޓަ-ފުރައި ސޯސް ތައްޔާރުކުރުމަށް:

1 މޭޒުމަތީސަމުސާ ކޯންފްލާ

2 މޭޒުމަތީސަމުސާ ފެން (ފިނި)

½ ޖޯޑު ކުކުޅު ސުރުވާ (ސްޓޮކް)

3މޭޒުމަތީސަމުސާ ސޮއިސޯސް

¼ ޖޯޑު އޮއިސްޓަ ސޯސް

1 މޭޒުމަތީސަމުސާ ސެސަމީ އޮއިލް

ކުކުޅުމަސްކޮޅު ލޮނާއި އަސޭމިރުސްކޮޅެއް ހާކައި އެއްކޮށްލުމަށްފަހު މެރިނޭޓުކުރަން ބަހައްޓާލާށެވެ. ސްޓަ-ފުރައި ސޯސް ތައްޔާރުކުރުމަށް، ތައްޓެއްގައި ފެނާއި ކޯންފުލާކޮޅު ގިރާލާށެވެ. އޭގެ ތެރެއަށް ސްޓޮކު އަދި ބާކީ ހުރި ސޯސްކޮޅު އަޅައި ރަނގަޅަށް ގިރާލުމަށްފަހު ވަކިން ބަހައްޓާށެވެ. ތަވައެއްގައި އެއް މޭޒުމަތީސަމުސާ އޮލިވްއޮއިލް ހޫނުކުރުމަށްފަހު މެރިނޭޓު ކުރި ކުކުޅުމަސްކޮޅު 2-3 މިނިޓުވަންދެން ރޯފިލުވާލާށެވެ. އަނެއްކާވެސް ބާކީހުރި ތެޔޮފޮދު އަޅާލައި ހޫނުކުރުމަށްފަހު ބުރޮކޮލީ، ބެލް ޕެޕާ، ކެރެޓުކޮޅު އަޅާލައި މީރުކޮށްލާށެވެ. ކުޑަކޮށް ތަރުކާރީކޮޅު ހަރުވެލުމުން، އިނގުރާއި ލޮނުމެދު އެއްކޮށް މިނިޓެއްވަރު ކައްކާލާށެވެ.

ކުރިން ރޯފިލުވި ކުކުޅުމަސްކޮޅު މީގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ.

އެއަށްފަހު ކުރިން ތައްޔާރުކުރި ސްޓަ-ފުރައި ސޯސްގަނޑު އަޅާލައި އެއްކޮށްލުމަށްފަހު ކައްކަން ޖައްސާށެވެ. ރަނގަޅަށް ކެކެން ފެށުމުން މިނިޓެއްވަރު ފަހުން އުނދުން ނިވާލާށެވެ. އަދި ސެސަމީ އޮއިލް އާއި ހަނާކުރި ސެސަމީ ސީޑް މައްޗަށް އަޅާލާށެވެ.