ޚަބަރު

ފުރަތަމަ ކުއާޓާގައި ބީއެމްއެލްއަށް 357 މިލިއަން ރުފިޔާގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 357 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެ ބޭންކުން އާންމު ކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުން އެ މުއްދަތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 357.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައި ބަލާއިރު 23 ޕަސެންޓުގެ ކުރިއެރުމެކެވެ. ބޭންކަށް 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނީ 291 މިލިއަން ރުފިޔާގެ ފައިދާ އެވެ.

ބީއެމްއެލުން ބުނީ، މި ނަތީޖާ ބޭންކަށް ހާސިލުކުރެވިފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށެވެ.

ބީއެމްއެލްގެ ރިޕޯޓުން ދައްކާގޮތުގައި ފުރަތަމަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 537 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައި ބަލާއިރު 25 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 427.5 މިލިއަން ރުފިޔާއެެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ނަތީޖާއާއެކު ކޮވިޑް-19އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުން އަންނަކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ.

"މި ނަތީޖާއާ އެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު. ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން،" ޓިމް ސޯޔާ ވިދާޅުވިއެވެ.