ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރުއްސައިގެން ކަންތައްތައް ކުރި ޒަމާން ނިމިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫނު އަތޮޅާއި އެ އަތޮޅުގެ ރަށު ކައުންސިލުތައް ހަރަކާތްތެރި ކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަލަށް އިންތިހާބު ކުރި ކައުންސިލްތަކާއެކު މުޅި ރާއްޖެ ބަދަލުވެއްޖެ ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު އަރިހަށް ގޮސްގެން އޭނާއާ އެކު ކޮފީއަކަށް އަރާލައިގެން އޭނާ ހިތްހަމަ ޖައްސާލައިގެން ވަޒީރު ބޭފުޅަކު ރުއްސާލައިގެންނޭ ތިމަންނާގެ ރަށުގެ ކަންތައް ފުރިހަމަ ވާނީ. ނޫން އެ ޒަމާން ނިމިއްޖެ،" ނަޝީދު ވިދާޅުވިއެވެ.

މިހާރު އާދެވިފައި މިހުރީ "އަނެއް ދިވެހިރާއްޖޭގައި"ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ދަތުރުކުރަމުން މިދަނީ ބާރު ދުވެލީގައި ކަމަށެވެ. އަދި އެ ސްޕީޑްގައި އަޅުގަނޑުމެން އެދޭ ބަދަލު ހޯދޭނެ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިހާރު ހުރި ހިސާބުން އިތުރު ހަރުފަތަކަށް ޖެހިލުމަށް ދަނޑު ހެއްދުމުގެ ބަދަލުގައި އޭގެން ޖޫސް ހަދައި، ފުޅީގައި ބަންދުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަތޮޅުތައް ތަރައްގީކޮށް އަތޮޅުތައް ގުޅާލާނެ ގޮތްތައް ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީ އަކީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް އަތުގައި ހުންނެވި ބާރުފުޅުތައް ހިފަހައްޓަވަން އެބޭފުޅާގެ ބާރުގައި އުފެއްދި އެއްޗެއް ކަމަށެވެ. އަދި ރައްޔިތުންނާ ހަމައަށް ބާރުތައް ގެނެވޭނެ ގޮތަކަށް ގާނޫނުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އަދި ބާރުތައް ވަކިކުރެވި ސިޔާސީ ހަރަކާތް ސުލްހަވެރިކަމާއިއެކު ހިންގަން ފެށުނީމަ ގައުމުތައް ކުރިއަށްދާނެ. ޖަމްޕް ޖަހާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.