ޅ. ނައިފަރުން 85 މީހަކާއި ކ. މާފުށިން 38 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އަތޮޅުތެރެއިން 242 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު މާފުށިން ޖުމުލަ 85 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 320 އަށް އަރައިފައެވެ.
މާފުށިން އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެ ކޭސްއާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންއަށް ލައިފައެވެ. މާފުށިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މާފުށި ޖަލުންވެސް ވަނީ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ނައިފަރުން މިއަދު ވަނީ 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 431 އަށް އަރައިފައެވެ.
ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
މާފުއްޓާއި ނައިފަރުގެ އިތުރުން ދެން އެންމެ ގިނަ ކޭސް ފެނިފައިވަނީ ކ. ހިންމަފުށިންނެވެ. މިއަދު ހިންމަފުށިން 30 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ރަށުން ޖުމުލަ 112 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހިންމަފުށި މޮނީޓަރިންއަށް ލާފައިވަނީ އެރަށުގައި ހުންނަ އައްސޭރި ޖަލުގެ ވެއިޓަރަކާއި ސެކިއުރިޓީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު