ރާއްޖޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުތަކުގެ ޕޭޕަރުތަކެއް ލީކުވެފައިވާ ކަމަށް އަޑުފެތުރުނު ނަމަވެސް ތާވަލުކުރެވިފައިވާ ގޮތަށް އިމްތިހާނުތައް ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އޭ ލެވެލް އިމްތިހާނުތަކުގެ ބައެއް ޕޭޕަރުތައް ލީކުވި ކަމުގެ އަޑުތައް ފެތުރިފައިވަނީ އިއްޔެއެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ އެއްވެސް ސެންޓަރަކުން އިމްތިހާނު ކަރުދާހެއް ލީކު ނުވާ ކަމުގެ ޔަގީންކަން ރޭ ދީފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭ ލެވެލް އިމްތިހާނުގެ ބައެއް ކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމުތަކުން ލީކުކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ. އެފަދަ މައުލޫމާތުތަކެއް ލިބުމުން އެޑެކްސެލްއިން މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

"މިކަމާ ގުޅިގެން އެހެން ގޮތަކަށް އަމަލުކުރުމަށް އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދިވެހިރާއްޖޭގައި އޭލެވެލް އިމްތިހާނު ކުރިއަށްދާނެ ކަމުގައި ދެންނެވީމެވެ،" އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުތައް ފަށާފައިވަނީ މި ހަފުތާގެ ހޯމަ ދުވަހުއެވެ.