މިދިޔަ 40 އަހަރުގެ ތެރޭގައި އެމްޓީސީސީއަށް މާލީ ގޮތުން މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ވެފައިވާތީ، ހިއްސާދާރުންނަށް ރެކޯޑު ފައިދާއެއް ދޭން ހުށަހަޅަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ފައިދާއާއެކު އެމްޓީސީސީން މިއަހަރު ހިއްސާއަކަށް ތިން ރުފިޔާ ބަހަން ނިންމާފައިވާ ކަމަށެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 24.11 މިލިއަން ރުފިޔާ ބަހަން އެކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މިއީ އެކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދު ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު، އެމްޓީސީސީއަށް ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާ އަޅާބަލާއިރު %253 އިތުރު އަދަދެއް ކަމަށް ރިޕޯޓުގައިވެއެވެ.

ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 190.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ އަހަރެވެ. އަދި މިދިޔަ އަހަރު ވިޔަފާރިކޮށްގެން އެމްޓީސީސީއަށް ޖުމުލަ 1.37 ބިލިއަން ރުފިޔާގެ ވަނީ ލިބިފައެވެ.

އެމްޓީސީސީން ބުނީ މިދިޔަ އަހަރު އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި އެގޮތުން 36 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްޓީސީސީގެ 40 އަހަރުވީ ދިގު ތާރީހުގައި މިދިޔަ އަހަރަކީ އެކުންފުނިން އެންމެ ގިނަ ޕްރޮޖެކްޓުތައް ނިންމި އަހަރު ކަމަށެވެ.

އާންމު ހިއްސާދާރުންނާއި ސަރުކާރު ބައިވެރިވެގެން އެމްޓީސީސީ އުފެއްދީ 18 ޑިސެމްބަރު 1980 ވަނަ އަހަރުއެވެ.