ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އއ. ރަސްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށު ކައުންސިލުގެ ރައީސް އަބްދުލްޖަލީލު މޫސާ މިއަދު "ވަން" އަށް ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރެގެން މިދިޔަ ބުދަ ދުވަހު ސާމްޕަލް ނެގި ފަސް މީހަކު މިއަދު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން އެރަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ފަސް މީހުންނަކީވެސް ކަރަންޓީނުގައި ތިބި ބައެއް ނޫން ކަމަށާއި އެމީހުންނަށް ބަލި ޖެހެން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށެވެ. އަދި އެމީހުންނަށް ބަލި ޖެހުނު ގޮތް ހޯދުމަށް އެރަށު ހޮސްޕިޓަލުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުލްޖަލީލު މޫސާ ވިދާޅުވީ އެމީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެފަރާތްތަކުގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.
އެ ކޭސްތަކާ ގުޅިގެން ރަށުގައި މިހާރު ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން ޒަރޫރީ ބޭނުންތަކުގައި ނޫނީ ބޭރަށް ނުނިކުތުމަށާއި މާސްކު އަޅައިގެން އުޅުމާއި ގައިދުރުކަން އިސްކޮށް، ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވާ ކަމަށްވެސް އަބްދުލްޖަލީލު މޫސާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު