މިދިޔަ 40 އަހަރުގެ ތެރޭގައި އެމްޓީސީސީއަށް މާލީ ގޮތުން ރެކޯޑު އަދަދަކަށް ފައިދާ ވެފައިވަނީ މިދިޔަ އަހަރުކަން އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އެ ރިޕޯޓު ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު، އެމްޓީސީސީއަށް ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާ އަޅާބަލާއިރު %253 އިތުރު އަދަދެއް ކަމަށް ރިޕޯޓުގައިވެއެވެ.

ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 190.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ އަހަރެވެ. އަދި މިދިޔަ އަހަރު ވިޔަފާރިކޮށްގެން އެމްޓީސީސީއަށް ޖުމުލަ 1.37 ބިލިއަން ރުފިޔާގެ ވަނީ ލިބިފައެވެ.

މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ފައިދާއާއެކު އެމްޓީސީސީން ވަނީ މިއަހަރު ހިއްސާއަކަށް ތިން ރުފިޔާ ބަހަން ނިންމައިފައެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 24.11 މިލިއަން ރުފިޔާ ބަހަން އެކުންފުނީގެ ބޯޑުން ވަނީ ނިންމައިފައެވެ. މިއީވެސް ކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދު ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ މިދިޔަ އަހަރު އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި އެގޮތުން 36 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްޓީސީސީގެ 40 އަހަރުވީ ދިގު ތާރީހުގައި މިދިޔަ އަހަރަކީ އެކުންފުނިން އެންމެ ގިނަ ޕްރޮޖެކްޓުތައް ނިންމި އަހަރު ކަމަށެވެ.

މިދިޔަ އަހަރު އެމްޓީސީސީން ނިންމި ބައެއް ޕްރޮޖެކްޓްސް ތެރޭގައި ބަނދަރު ހެދުމުގެ 10 ޕްރޮޖެކްޓާއި ބިން ހިއްކުމުގެ ހަތަރު ޕްރޮޖެކްޓަކާއި ނުވަ ރަށެއްގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުންވެސް އިމާރާތްތައް ޑިޒައިން އަދި ކޮންސްޓްރަކްޝަންގެ ގިނަ ޕްރޮކެޓްތަކެއްވެސް މިދިޔަ އަހަރު އެންޓީސީސީން ވަނީ ނިންމައިފައެވެ.

އާންމު ހިއްސާދާރުންނާއި ސަރުކާރު ބައިވެރިވެގެން އެމްޓީސީސީ އުފެއްދީ 18 ޑިސެމްބަރު 1980 ވަނަ އަހަރުއެވެ.