އިސްލާމްދީން ޤަބޫލުކުރުމަށްފަހު އިންސާނާގެ ކިބައިގައި އުފެދޭ މިޒާޖަކީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ މިޒާޖެވެ. އިސްލާމްދީން އިންސާނާއަށް ދަސްކޮށްދޭ އެއް ޙަޤީޤަތަކީ މާތްﷲ ގެ މަތިވެރިވަންތަކަމެވެ. ކިބްރިޔާވަންތަކަމަކީ ހަމައެކަނި އެކަލާނގެ ރަސްކަންފުޅަށް ޚާއްޞަ ކަމެއް ކަމެވެ. އިންސާނާއަކީ އެ ސިފަތަކަށް އަރާއަރަފޯދޭ މީހެއް ނޫން ކަމެވެ. ނަތީޖާއެއްގެ ގޮތުން އިންސާނާގެ ކިބައިގައި މަޑުމައިތިރިކަމާއި، މަޑުމޮޅިކަމާއި ހިތްހެޔޮކަން އުފެދެއެވެ.

ހިތްތިރިކަމާއި، މަޑުމޮޅިކަމުގައި ދެމިހުރުމަށްޓަކައި އިންސާނާގެ ކިބައިގައި ކެތްތެރިކަމާއި ބަރުދާސްތު ކުރުމުގެ ސިފަ އިންތިހާޔަށް ހުންނަން ޖެހެއެވެ. މިދުނިޔޭގައި ކޮންމެ މީހަކަށް ވެސް އަނެކުންގެ ފަރާތުން މެދުކެނޑުމެއް ނެތި ކުރިމަތިވާ އެއް މަސްއަލައަކީ ތިމާގެ ހިތް ނުރުހޭ ބާވަތުގެ ކަންތައްތަކުގެ މަސްއަލައެވެ. ތިމާގެ ހިތް ނޭދޭ ކަހަލަ ތަޖްރިބާތަކެވެ. އެފަދަ ޙާލަތްތަކުގައި މަޑުމައިތިރިކަމުގައި ދެމިހުރެވޭނީ ރައްދު ޢަމަލުގެ ނަފްސިއްޔާތުން ތިމާ އަމިއްލަޔަށް ސަލާމަތްވެގަތުމުގެ ޤާބިލުކަން ހުންނަ މީހުންނަށެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވަމުން ވަޙީ ކުރައްވައިފައި ވެއެވެ.

"އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރީން ދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ." (އާލު ޢިމްރާން: 134)

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގައި ވެއެވެ. "އަރަހުށި މާތްﷲ އީ އޯގާވަންތަ ރަސްކަލާނގެއެވެ. ހުރިހާ ކަމެއްގައިވެސް އެކަލާނގެ ލޯބި ވެވޮޑިގެންވަނީ މަޑުމައިތިރިކަމާއި އޯގާވެރިކަން އިސްކުރުމަށެވެ." (ބުޚާރީ، މުސްލިމް) އަދިވެސް ޙަދީޘު ކުރައްވައިފައި ވެއެވެ. "އަރަހުށި މާތްﷲ އީ އޯގާވަންތަކަމަށް ލޯބިކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެ އޯގާވެރިކަމަށް ދެއްވާ ދެއްވުމަކީ ހަރުކަށިކަމަށް ނުވަތަ އެނޫން ކަމަކަށް ވިޔަސް ނުދެއްވާފަދަ (ފުރިހަމަ) ދެއްވުމެކެވެ." (މުސްލިމް) އަދިވެސް އެހެން ބަސްފުޅެއްގައި ވެއެވެ. "އޯގާވެރިކަމުން މަޙްރޫމުވެއްޖެ މީހާއީ ހުރިހާ ހެޔޮކަމަކުން މަޙްރޫމުވެއްޖެ މީހެކެވެ." (މުސްލިމް)

ކަލާ އަނެކުންނާ މުޢާމަލާކުރައްވާއިރު ބޮޑާކަމާއި ހަރުކަށިކަން ބޭނުން ކުރައްވައިފިނަމަ އެ ހޭލައްވައިލެއްވެނީ އެބައިމީހުންގެ "އަހަރެންވަންތަ"ކަމެވެ. އަނާނިއްޔަތެވެ. އޭރުން މަސްއަލަތައް ދާނީ ނުބައިން ނުބަޔަށެވެ. ކަލާއަށް އެހައިތަނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިއޮތީ އެބައިމީހުންގެ "ވިހަ" ބަސްތަކާ ކަމުގައިވާނަމަ ކަލާޔަށް ދެން ކުރިމަތިވާނީ އެބައިމީހުންގެ ދަނޑިބުރިތަކާއި، ގާބުރިތަކާއި ކަޓަރުތަކެވެ. މިއާ ޚިލާފަށް ކަލާ މަޑުމައިތިރިކަމާއި އޯގާވެރިކަން ޚިޔާރު ކުރައްވައިފިނަމަ ކަލާ ކުރިމަތިލައްވާ މީހުންގެ ކިބައިގައި ހޭލާނީ އެބައެއްގެ ހެޔޮކަމުގެ ޒަމީރެވެ. އޭރުން ފެންނާނީ ކުރީގެ ނަތީޖާއާ މުޅީން ތަފާތު ނަތީޖާއެކެވެ. ކަލާއާ އިދިކޮޅަށް ތިބި މީހުން ދެކޮޅުވެރިކަން ހަނދާން ނައްތާލައި ކަލާގެ ގާތް އެކުވެރީންނަށް ބަދަލުވެދާނެއެވެ. މަޑުމައިތިރިކަމާއި އޯގާވެރިކަމަކީ ކާމިޔާބު އިންސާނުންގެ ސިފައެކެވެ. ހަރުކަށިކަމާއި ބޮޑާކަމަކީ ނާކާމިޔާބު އިންސާނުންގެ ސިފައެކެވެ.