ކުޅިވަރު

ރޯމާ ކޮޅަށް ހަ ގޯލް ޖަހައި ޔުނައިޓެޑް ފައިނަލާ ގާތަށް، ވިލަރެއާލް ދަނޑުގައި އާސެނަލް ބަލި

ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ރޯމާއާ ދެކޮޅަށް ކުޅުނު މެޗު، ޔުނައިޓެޑުން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވާއިރު، އާސެނަލް ވިލަރެއާލް އަތްދަށު ވެއްޖެއެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޯމާ ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. ރޯމާއަށް އަވޭ ދެ ގޯލް ޖެހުމުގެ ހިތްހަމަ ޖެހުން އޮތް ނަމަވެސް، މެޗުގެ ފަހު ހާފްގައި ޔުނައިޓެޑުން ޖެހި ފަސް ގޯލާއެކު އެޓީމަށް ވަނީ ފައިނަލްގެ އުންމީދު ބޮޑުވެފައެވެ.

މެޗުގައި ޔުނައިޓެޑްގެ އުރުގުއޭ ފޯވަޑް، އެޑިސަން ކަވާނީގެ ހިތްގައިމު ދެ ގޯލްގެ އިތުރުން ބްރޫނޯ ފެނާންޑޭޒްގެ ދެ ގޯލްވެސް ފެނިފައިވެއެވެ. މެޗުގެ ކުރީކޮޅުގައި ފެނާންޑޭސް ޔުނައިޓެޑަށް ލީޑު ނަގައިދީފައިވާއިރު، އޭގެ އިރުކޮޅެއް ފަހުން ރޯމާ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭރިއާ ތެރެއިން ޕޮގްބާ އަތުގައި ޖެހުމުން ރޯމާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ލޮރެންޒޯ ޕެލެގްރީނީއެވެ.

ހާފް ނިމުމުގެ ކުރިން ރޯމާއަށް ލީޑު ނަގައިދިނި ޔުނައިޓެޑްގެ ދަނޑަށް އާ މޫނެއް ނޫނެވެ. ކުރިން ވާދަވެރި ސިޓީއަށް ކުޅުނު އެޑިން ޒެކޯ ރޯމާގެ ދެވަނަ ގޯލް ޖަހައިދީފައިވާއިރު، އެއީ ޔުނައިޓެޑް ދަނޑުގައި އޭނާ ކުޅުނު ފަސް މެޗުން ޖެހި ހަވަނަ ގޯލެވެ.

ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. ފުލުފުލުގައި ކަވާނީގެ ދެ ގޯލް ފެނިގެން ދިޔައިރު، ފެނާންޑޭޒްގެ ދެވަނަ ގޯލަކީ ޕެނެލްޓީއެކެވެ. އަނެއް ދެ ގޯލް ޖެހީ ޕޮގްބާއާއި ގްރީންވުޑެވެ.

އާސެނަލްއިން ވިލަރެއާލް ދަނޑުގައި ކުޅުނު މެޗުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ކުރިން އާސެނަލްއަށް ކޯޗުކަން ކޮށްދިން ޔުނޭ އެމެރީއާއެކު ވިލަރެއާލްއިން މެޗަށް ނުކުމެ ފުރަތަމަ ހާފްގައި ދެ ގޯލް ޖެހިއެވެ. ޓްރިގޫރޯސް މޫނޯސްއާއި އަލްބިއޮލްގެ ގޯލްތަކުން ވިލަރެއާލް ރަނގަޅަށް ފެށިއިރު، އާސެނަލްގެ ސެބަލޯސްއަށް ދެވަނަ ހާފް ކުރީކޮޅު ދެއްކި ރަތް ކާޑާއެކު އިތުރަށް މެޗު ފަސޭހަވާނެ ކަމަށް ބެލެވުނެވެ.

އެހެންނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި އާސެނަލްއަށް ލިބުނު ޕެނެލްޓީއަކުން ނިކޮލަސް ޕެޕޭ ވަނީ މުހިއްމު އަވޭ ގޯލެއް ކާމިޔާބު ކޮށްދީފައެވެ. އޭގެ އިތުރުކޮޅެއް ފަހުން ވިލަރޭއަލްގެ ކަޕޫއަށްވެސް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައެވެ.