މިހާރު ރާއްޖޭގައި ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުތަކުގެ އެއްވެސް ޕޭޕަރެއް ރާއްޖޭގެ އެއްވެސް ސެންޓަރަކުން ލީކުވެފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެހެން ބުނެފައިވަނީ، އޭ ލެވެލްގެ އައިއޭއެލް ފިސިކްސް ކަރުދާސް 1 ލީކް ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިއުމާ ގުޅުގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޭލެވެލް އިމްތިހާނުގެ ސުވާލު ކުރުދާސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައި ހުރި ފިޔަވަޅުތައް ހަމަޖެހިފައި ހުރި އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

"އޭލެވެލްގެ ސުވާލު ކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައި ނުވާ ކަމުގައި ދެންނެވީމެވެ،" އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުންޏެވެ.

އެހެން ނަމަވެސް އެ އިމްތިހާނުގެ ކަރުދާހެއް ކޮންމެވެސް އެހެން ގައުމަކުން ލީކުވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުތައް ފަށާފައިވަނީ މި ހަފުތާގެ ހޯމަ ދުވަހުއެވެ.